ކުޅިވަރު

ސީޒަން ހުޅުވާ މެޗު ނުކުޅޭ ގޮތަށް ނިންމައިފި

ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސް ކުރި ސީޒަން ހުޅުވާ މެޗު ނުވަތަ ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް އެފްއޭއެމުން މިހާރު ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަމާއި އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދި ނިއުރޭޑިއަންޓާއި އެ ދެ މުބާރާތުގެ ރަނަރަފް ޓީސީ ސްޕޯޓްސް ކުލަބު ކުޅެން ހަމަޖަހިފައި އޮތް މެޗު ކުޅެން ފުރަތަމަ ހަމަޖެއްސީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެ މެޗު ފަސް ކުރީ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް މިހާރު ނިންމައި، ނިއު އާއި ޓީސީއަށް އަންގާފައި ވާނެ ކަމަށެވެ.

ސީޒަން ހުޅުވާ މެޗަށް ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް ލައްކަ ރުފިޔާ އެވެ. ޗެރިޓީ ޝީލްޑްގެ ނަމުގައި އެ މުބާރާތް ބާއްވަން ފެށީ، ސީޒަންގެ އެންމެ ފުރަތަމަ މުބާރާތުގެ ގޮތުގައި ކުރިން ބާއްވަމުން އައި ކަޕްވިނާސްކަޕްގެ ބަދަލުގަ އެވެ. ކަޕްވިނާސްކަޕަކީ، ކުރިން ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު އިނާމު ފައިސާ ދޭ ފުޓްބޯޅަ މުބާރާތެވެ.

ޗެރިޓީ ޗީލްޑް މެޗަށް ކަނޑައެޅާފައިވާ ފައިސާއިން ބައެއް، އިޖުތިމާއީ ގޮތުން މަސައްކަތް ކުރާ ޖަމްއިޔާއަކަށް ހޭދަ ކުރަން ޖެހެ އެވެ.

ޗެރިޓީ ޝީލްޑްގެ މިދިޔަ ދެ އަހަރު ކާމިޔާބު ކުރީ މާޒިއާ އެވެ. ސީޒަންގެ ފުރަތަމަ ޑޮމެސްޓިކް މުބާރާތަކަށް ވާނީ މާލޭ ލީގެވެ. މާލޭ ލީގް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 25 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަންގެ ހަތަރު ތަށީގެ ތެރެއިން ތިން ތަށި ކާމިޔާބު ކުރީ ނިއު ރޭޑިއަންޓެވެ.