ޗެމްޕިއަންސް ލީގްގައި މާދަމާ ރޭ، ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ޕީއެސްޖީ އޮތީ ވަރަށް ފޯމުގައެވެ. އެއާ ހިލާފަށް ރެއާލް މެޑްރިޑް އޮތީ އުނދަގޫ ހާލަތެއްގެ ތެރޭގައެވެ.
ދެ ޓީމުގެ ސްކޮޑުންވެސް، މިހާރު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ، ޕީއެސްޖީގެ ފޯވަޑް ނޭމާ އެވެ. ދެ ޓީމުގެ ކުރިމަތި ލުމަށް ދަނޑަށް ނިކުތުމުގެ ކުރިން، ނޯމާގެ ފޯކަސް އަނބުރާލުމަށް ރެއާލުން ބޭނުން ކުރީ އެހެން ހަތިޔާރެކެވެ.
ބްރެޒިލްގެ ގައުމީ ޓީމުގައިވެސް ނޭމާ އާ ރަނގަޅު ގުޅުމެއް އޮންނަ، ރެއާލްގެ ވައިސް ކެޕްޓަން މާސެލޯ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ނޭމާ، ބާސެލޯނާއަށް ބަދަލު ވުމުގެ ކުރިން އޭނާ ގެންދަން ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރި އެވެ. ނޭމާ ޕީއެސްޖީއަށް ބަދަލު ވުމުންވެސް އެ ވާހަކަ އެ ގޮތަށް ދަނީ ފެތުރެމުންނެވެ.
މާދަމާ ރޭގެ މެޗުގެ ކުރިން މާސެލޯ ބުނެފައި ވަނީ ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭނެ ކަމަށެވެ. މިދަނޑިވަޅާ ދިމާކޮށް މާސެލޯ އެގޮތަށް ވާހަކަ ދެއްކުމުގެ ފަހަތުގައި އޮތީ ނޭމާގެ ސަމާލުކަން އެހެން ދިމާލަށް އަނބުރާލުން ކަމަށް އަޔަލޭންޑްގެ ކުރީގެ ކުޅުންތެރޔާ އަދި އީއެސްޕީއެންގެ ކޮލަމިސްޓް ރޮބީ ޑޫން ވަނީ ސިފަ ކޮށްފަ އެވެ.
"ރެއާލް މެޑްރިޑަށް އެނގޭ، އެ ކުލަބުގެ ސައިޒް ބޭނުން ކޮށްގެން ނޭމާގެ ސިކުނޑި އަނބުރާލެވޭނެ ގޮތެއް." ޑޫން އޭނާގެ ކޮލަމްގައި ބުނެފައި ވެއެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިދިކޮޅަށް ނިކުންނަ ޓީމުގެ ކުޅުންތެރިޔާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމަށް އެ ކަހަލަ ވާހަކަ ދައްކައެވެ. އެ ވާހަކަ އެންމެ ބޮޑަށް ދައްކަނީވެސް ބޮޑެތި ކުލަބު ތަކުންނެވެ. ނަތީޖާއަކަށް ވަނީ ބޮޑެތި މެޗުތަކުގައި އެކަން އަމާޒުވާ ކުޅުންތެރިޔާއަށް އެންމެ އެކަށޭނެ ކުޅުމެއް ދެއްކޭ ގޮތް ނުވުމެވެ.