ހަބަރު

އެންދެރިގަހުގެ ޑްރައިވަރަށް ވަކީލެއްގެ ފުރުސަތު ނުދޭތީ ލަންކާ ހައިކޮމިޝަނަށް

Feb 13, 2018
4

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅުގެ ގެކޮޅު، އެންދެރިގަސްގޭގެ ކާރު ޑްރައިވަރު ޕޮނިއާ ސުދާގަރަށް ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދީ ހިފަހައްޓާފައިވާ މައްސަލަ އެނާގެ ވަކީލުންގެ ފަރާތުން ސްރީލަންކާގެ ހައިކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕޮނިއާ ސުދާގަރުގެ ގާނޫނީ ވަކީލް މުހައްމަދު ފައްވާޒު ވިދާޅުވީ، ޕޮނިއާ އަށް ވަކީލެއްގެ ފުރުސަތު ނުދޭތީ އެނާގެ ގާނޫނީ ވަކީލުންގެ ފަރާތުން އެމައްސަލަ ލަންކާގެ ހައި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމުގައި ލަންކާގެ ބައިވެރިވުމާއި އެހީތެރިކަމަށް ރަސްމީކޮށް އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕޮނިއާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާދިން މައްސަލަ އާއި އިތުރު މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅުނު ކަމުގެ ތުހުމަތެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ތުހުމަތުވެސް ކޮށްފައި ވެއެވެ.

ޕޮނިއާ ހައްޔަރު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އޭނާއާ އެކު ރައީސް މައުމޫންގެ އަމިއްލަ ސެކިއުރިޓީއެއް ކަމަށްވާ، މުހައްމަދު އަޒްމީ ވެސް ހައްޔަރުކޮށްފައި ވެއެވެ. ކްރިމިނަލް ކޯޓުން އަމުރު ކުރީ އެދެމީހުންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށެވެ.