ހަބަރު

ބޮޑު އެއްވުމަށް ފުލުހުން އެއްބާރުލުން ދިނުމަށް އިދިކޮޅުން އެދިއްޖެ

އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު އެއްވުމަށް ފުލުހުން އެއްބާރުލުން ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދެފި އެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅުން ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިވާތީވެ އެކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން އިސްކަންދަރު ކޮއްޓަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އިސްކަންދަރު ކޮށިން ނިކުމެ ވަޑައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހާޒިރުވީ ފުލުހުން ދެއްވި ދައުވަތަކަށް ކަމަށާއި އެއީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު އެެއްވުމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ، އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިނުވާނެ ކަމަށާއި އެމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ނުބައިކޮށް ކަމަށެވެ.

އަނަސް ވިދާޅުވީ، އިދިކޮޅުން ބޮޑު އެއްވުމެއް ވަރަށް އަވަހަށް ބާއްވާނެކަން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އަދި އެ އެއްވުމަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިފައިވާނެ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

"ދަންވާފައިވާނެ އިދިކޮޅުން ބޮޑު އެއްވުމެއް ވަރަށް އަވަހަށް ބާއްވާނެކަން، އެކަން އިއުލާން ކުރާނަން، އެ އެއްވުމަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިފައިވާނެ، ކުއްލި ހާލަތުގައި އެއްވުމުގެ 30 ވަނަ މާއްދާ ވަނީ ބާތިލް ކޮށްފައި، ރައީސް ވަނީ އޭގެ ފަހުން ވަރަށް އެއްވުން ތަކެއް ބާއްވާފަ، އެ އެއްވުންތައް ބާއްވަން ފުލުހުންނާއި ސިފައިން ދަނީ އެހީތެރިވަމުން، އެހެން ކަމުން އަޅުގަނޑުމެންވެސް އެދުނީ ގާނޫނު އަސާސީގެ 246 ވަނަ މާއްދާގެ ހާގެ ދަށުން ހަމަހަމަ ކަމާއެކީގައި އިދިކޮޅު ފަރާތްތަކަށްވެސް ފުރުސަތު ދިނުމަށް،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ، އަންނަ ހުކުރު ދުވަހުވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހަރަކާތްތައް އޮންނާނެ ކަމަށާއި ނަމަވެސް އެދުވަހު އިދިކޮޅުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެކަން އިއުލާންކޮށް އަންގާފައި ނުވާނެ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ގާނޫނު އާސާސީގެ ދަށުން ހަމަހަމަ ކަން ހުރިހާ ބޭފުޅުންނަށްވެސް ފޯރުކޮށްދެއްވުމަށް ފުލުހުންގެ ކިބައިގައި އެދިފައިވާނެ ކަމަށާއި ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔީމްގެ ފަރާތުން ބާއްވާ ބައެއް އެއްވުންތަކަށް ސެކިއުރިޓީ ދެއްވާ ފަދައިން އެހެން ރައްޔިތުންނަަށްވެސް އެކަން ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

"ރައީސް ޔާމީިންގެ ބައެއް އެއްވުންތަކަށް ސެކިއުރިޓީ ދެއްވާ އެކަންކަން އަމާންކަމާއެކު ގެންދިއުމަށް އެހީތެރިކަން ދެއްވާ ފަދައިން އެހެން ރައްޔިތުންނަަށްވެސް އެކަން ކުރެވޭނެ ގޮތް ހައްދަވައި ދެއްވުން، އެކަމަށް ފުލުހުން އިންކާރު ކޮށްފައެއް ނުވޭ، ވިދާޅުވީ އަމުރުތަކާ އެއްގޮތަށް އަމަލު ކުރާނަމަ އެއްވުން ކުރިއަށް ގެންދަން ފުރުސަތުދޭނަމޭ، އުންމީދަކީ ބޮޑުއެއްވުން އޮންނަ ދުވަހު ރައީސް ޔާމީނަށް ރައްކާތެރިކަން ދޭފަދައިން އަޅުގަނޑުމެންނަށް ދޭނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ބައެއް އެއްވުންތަކުގައި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކާއި މީޑިއާތަކަށް ހަޑިހުތުރު ބަހުން ބައެއް ފުލުހުން ވާހަކަދައްކަމުންދާ މައްސަލަވެސް ހިއްސާ ކޮށްފައިވާނެ ކަމަށާއި އެކަންކަން ރަނގަޅު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމަށް ރާވާފައިވާ ކަމަށް ފުލުހުންނާއި ސިފައިން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން އިއްޔެ ފުލުހުންނާއި ސްޓޭޓްމަންޓްގައި ބުނީ، ގައުމުގެ އަމާންކަން އަންނަ ހުކުރު ދުވަހު މާލެގައި މީހުން އެއްވެ ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާ ކުރިމަތިލައި ގައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް ހަމަ ނުޖެހުން ހިންގާ އަމާންކަން ނަގާލާކަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރަށްރަށުން މީހުން އައުމަށް ގޮވާލާ ހަމަ ނުޖެހުން ހިންގުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން ދުރުވެ ތިބުމަށް އިލްތިމާސް ކުރި އެވެ.

އެކަމާ ގުޅޭގޮތުން ސިފައިން ދިން ސްޓޭޓްމަންޓްގައި ބުނީ، ސިޔާސީ ބައެއް ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރިވުމަށް ގޮވާލަމުން ދިޔަ ނަމަވެސް އެކަމަށް އިޖާބަ ނުދޭން އިލްތިމާސް ކުރާ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވެ ހަމަ ނުޖެހުން ހިންގަން އަސްކަރިއްޔާއިން ވެސް ފުރުސަތު ނުދޭނެ ކަމަށް ސިފައިން ބުންޏެވެ.