ބޮލީވުޑް

"ހިންދީ މީޑިއަމް 2" ގައި އިރްފާނާ އެކު ސާރާ

Feb 14, 2018

އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދާރްނާތް" ގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުންގެ މެދުގައި ފިލްމު ރިލީޒްކުރުމުގެ ތާރީހު ބަދަލުކުރަން ޖެހުމާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ވަނީ މަޑުޖެހިފަ އެވެ.

މި އަހަރުގައި އެ ފިލްމު ރިލީޒްނުކުރެވިދާނެ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، ސާރާ ވަނީ އިތުރު ފިލްމެއް ކުޅެން މިހާރު އެއްބަސްވެފަ އެވެ.

މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ފިލްމުގައި އިރްފާން ޚާންގެ ދަރިފުޅުގެ ރޯލު ކުޅެން ސާރާ އަށް ވަނީ ލިބިފަ އެވެ.

ބުނެވޭ ގޮތުގައި ސާރާ "ހިންދީ މީޑިއަމް 2" ގައި ކުޅޭނީ އިރްފާން އާއި ސަބާގެ ފުރާވަރު އަންހެން ދަރިފުޅުގެ ރޯލެވެ.

މި ފަހުން އިރްފާން ވަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖާން މި ސިލްސިލާގެ ދެވަނަ ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ދެވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނަމުން ދިނޭޝް ވަނީ ފިލްމުގެ ސްކްރިޕްޓް ނިމިފައިވާ ކަމަށެވެ. އަދި ފިލްމުގެ ތަރިން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގައި އިރްފާނާ އެކު ސާރާ ފެނިގެންދިޔަ ނަމަވެސް އޭނާގެ އަންހެނުންގެ ރޯލުން ފުރަތަމަ ފިލްމުގައި ފެނިގެންދިޔަ ޕާކިސްތާނުގެ ބަތަލާ ސަބާ ގަމަރް ފެނިގެންނުދާނެ ކަމަށްވެ އެވެ.

ސަކެޓް ޗައުދަރީ ޑައިރެކްޓްކުރި "ހިންދީ މީޑިއަމް" އަކީ އިންޑިއާގެ އެޑިއުކޭޝަން ސިސްޓަމްގެ ދޯހަޅުކަމުގެ މައްޗަށް އަލިއަޅުވާފައިވާ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ މެދު ފަންތީގެ ދެމަފިރިޔަކު އެމީހުންނަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅު ދިއްލީގެ މަޝްހޫރު އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން ޖާގަ ހޯދުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރާ އާދަޔާ ހިލާފު ކަންތައްތަކެވެ.

މި ފިލްމަށް ވަނީ ބެލުންތެރިންނާއި ކްރިޓިކުންގެ ތައުރީފު އިންތިހާ އަށް ލިބިފަ އެވެ.