ހަބަރު

މިހާތަނަށް މައުމޫން، ފާރިސް އަދި ނަދީމަށް އެއްވެސް ސުވާލެއް ނުކުރޭ

ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެ، ބޮޑު ތަހުގީގެއް ފުލުހުން ކުރިއަށްދާއިރު މިހާތަނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްއަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވަކީލުން މިހެން ވިދާޅުވެފައިމިވަނީ، އެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބޭފުޅުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުނެފައިވަނިކޮށެވެ. މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނާއި ފާރިސްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް ފުލުހުން މިއަދު ބުނި ބުނުމަކީ ސީދާ ދޮގެއް ކަމަށެވެ. މިހާތަނަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްއާ އެއްވެސް ސުވާލެއް ތަހުގީގުގައި ކޮށްފައި ނުވާ ކަމަށެވެ.

"ސުވާލުތަކެއް ނުކުރައްވާ ކިހިނެއްތޯ ވިދާޅުވާނީ ތިމަންނަމެންނަށް ދަތި ކުރައްވަނީއޭ، ތިމަންނަމެންނަށް އެއްބާރުލުމެއް ނުދެއޭ، ކަނޑައެޅިގެން މި ބޭފުޅުންގެ ފަރާތުން އިންކާރުކުރަން އެ ވާހަކަ، އެ ބޭފުޅުންނަށް ރައްދުވާ ގޮތަކަށް އެ ވާހަކައެއް ފުލުހުންނަށް ނުދެއްކޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ހުސެއިން ޝަމީމް ވިދާޅުވީ، ތަހުގީގުގައި އިތުރަށް ވާހަކަ ދެއްކޭނީ ސުވާލުކޮށްގެން ކަމަށެވެ. ސާފުކުރަން ބޭނުންވާ ކަމެއް ވެސް އެނގިގެން ކަމަށެވެ.

"ފުލުހުން އެބަ ބުނޭ ހެކި ނުދޭ ކަމަށް، އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން ހެކި ދޭން، އެކަމަކު ކޮން ހެއްކެއްތޯ ދޭނީ، ކަނޑައެޅިގެން އެބަ އިންކާރު ކުރައްވާ، އެ ހުރިހާ ކުށަކަށް އިންކާރު ކުރައްވާ، ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދޭން ވެސް ބޭނުންވޭ، އެކަމަކު ކޮން އެއްޗެއްތޯ ދޭނީ، ކިހިނެއްތޯ ހަދާނީ، އަޅުގަނޑުމެންނަށް ހެއްކެއް ނުވެސް އުފެއްދޭނެ، ފުލުހުންނަށްތާ ހެކި އުފައްދަން ވެސް މަސައްކަތް ކުރެވޭނީ، އެހެންވެ އެ ދައްކަވާ ވާހަކައަކީ އާންމުކޮށް ތަހުގީގުގައި ނޫޅުއްވާ ބޭފުޅުން ޕްރެސްއަށް އަރައި ވާހަކަ ދައްކަންވީމަ ދެއްކޭ ވާހަކަތަކެއް، އެ ބޭފުޅުންނަށް ތަހުގީގު ހިނގާ ގޮތް މާބޮޑު ސާފު ނުވާތީ،" ޝަމީމް ވިދާޅުވި އެވެ.

"އެމީހަކާ ސުވާލުނުކޮށް ތަހުގީގު ނުކުރާ މައްސަލައެއްގައި އެމީހަކާ ދެކޮޅަށް ދައުވާއެއް ނުކުރެވޭނެ، އެެހެންވީމަ އެމީހަކާ ހޭ އަހާނުލާ އެމީހަކާ ދެކޮޅަށް ދައުވާކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން، މިހާރު ފުލުހުން މީޑިއާގައި މި ދައުވާ ކުރައްވަނީ ޝަރީއަތް ހިންގަނީ، ޝަރީއަތް ކުރާނީ ކޯޓުގަ، މީޑިއާ ކުރި މައްޗެއްގަ ނޫން،"

ނަދީމްގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، މިހާތަނަށް ނަދީމްއާ ވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި ފުލުހުންގެ ތަހުގީގު ޓީމު އޭނާއާ ބައްދަލު ވެސް ކޮށްފައިނުވާ ކަމަށެވެ. އެ ބޭފުޅުންނަކީ ކުށްވެރިންގެ ގޮތުގައި ދެއްކުމަށް ފުލުހުން ކުރާ މަސައްކަތް ސިރާޖު ވަނީ ކުށްވެރި ކުރައްވާފަ އެވެ. ހެކި ހުރިނަމަ ހެކި ދެއްކުމަށް އަދި ސުވާލުކުރުމަށް ސިރާޖު އެދިވަޑައިގަތެވެ. އޭރަށް ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް އަސާސެއްގެ މައްޗަށް ފުލުހުން ދައްކާ ވާހަކައެއް ނޫން، ތުހުމަތު ކުރެވެނީ ކުށުގެ ކޮން އަމަލެއްގެ މައްޗަށް ކަމެއް ވެސް އަޅުގަނޑުމެންނަށް ނޭނގޭ، ކޮން މާއްދާއެއްގައިވާ ކޮން ކުށެއް ކޮށްގެންކަން ތުހުމަތު ކުރަނީ އެއެއްވެސް ނޭނގޭ،" މޫސާ ސިރާޖު ވިދާޅުވި އެވެ.

ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. ނަދީމާއި ފާރިސްއަށް ކުރަނީ އެކަންކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް ކަޅު ފޮއްޓަކުން ފެނުނު ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.