މި ހަފްތާގައި ޝޯޝަލް މީޑިއާގައި ރަނިކަން ކުރަމުން ދަނީ މަލެޔާލަމް އެކްޓްރެސް ޕްރިޔާ ޕްރަކާޝް ވާރިއާގެ ކަތި ނަޒަރެވެ. ޕްރިޔާ އާއި ބެހޭ މާ ބޮޑު ތަފްސީލެއް މިހާރު ބޭނުންމެއްވެސް ނުވާނެ އެވެ. އެއީ ކާކުން ނޭނގޭ އެކަކުވެސް މިހާރު ނެތެވެ.
ޕްރިޔާގެ ކަތި ނަޒަރުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނިގެންދާ ވީޑީއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، މިހާރު އެ ވީޑިއޯއަށް ޖޯކް ޖަހާއި ތަފާތު މީމްސްތައް ހަދާއި ޝޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. މި ސަކަރާތުގެ ތެރެއިން އޭނާއަށް ދަނީ ބޮޑު މަގުބޫލުކަމެއްވެސް ލިބެމުންނެވެ. އޭނާ ދަނީ ގިނަ ރެކޯޑުތަކެއްވެސް ހޯދަމުންނެވެ.
ޕްރިޔާއަކީ މިހާރު އިންސްޓަގުރާމްގައި އެއް ދުވަސް ތެރޭގައި 600 ފޮލޮވާސް ހޯދި ތިން ވަނަ ފަރާތެވެ. އެއް ދުވަސް ތެރޭގައި 600 ފޮލޮވާސް ހޯދި އަނެއް ދެ މީހުންނަކީ މަޝްހޫރު ރިއަލިޓީ ޓީވީ އެކްޓުރެސް ކައިލީ ޖެންނާ އާއި ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަނޯ ރޮނާލްޑޯ އެވެ. ޕްރިޔާގެ އިންސްޓަގުރާމް ފޮލޮވާސްގެ އަދަދު މިހާރު ވަނީ 2.7 މިލިއަނަށްވުރެއް މައްޗަށް ގޮސްފަ އެވެ. އިއްޔެ އިންސްޓަގުރާމުން އޭނާގެ އެކައުންޓް ވެރިފައިޑް ކޮށްދީފައިވެސްވެ އެވެ.
މީގެ އިތުރުން ޕްރިޔާ ވަނީ އިތުރު ރެކޯޑެއްވެސް މުގުރާލާފަ އެވެ. މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފަހަރު ގޫގުލް ސާޗްކުރި އިންޑިއާގެ އެކްޓްރެސްގެ މަގާމު އޭނާ ދިފާއުކޮށްފި އެވެ. ޕްރިޔާ މި މަގާމު ހޯދީ ސަނީ ލިއޯން، ދީޕިކާ ޕަދުކޯނީ، އާލިއާ ބަޓް އަދި ކެޓްރީނާ ކައިފް ފަދަ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ފަހަތަަށް ޖައްސާލުމަށްފަހު އެވެ.
މަލެޔާލަމް ފިލްމު "އޯރޫ އާދަރް ލަވް" ގައި ޕްރިޔާ ފެނިގެންދާ މި ލަވައަަށް ޔޫޓިއުޓިއުބުގައި މިހާރު 11 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. މިއީ ޕްރިޔާގެ ފުރަތަމަ ފިލްމުވެސްމެ އެވެ. މި ފިލްމަކީ ހައި ސުކޫލް ލަވް ސްޓޯރީއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެެ.
ލީޑު ރޯލުން ފަސް ބަތަލާ އިންނާއި ފަސް ބަތަލުން ފެނިގެންދާ އެ ފިލްމަށް ޕްރިޔާ އެންމެ ފުރަތަމަ ނެގީ ކުޑަ ރޯލަކަށެވެ. ނަމަވެސް ޕްރިޔާގެ އެކްޓިންއަށް ބެލުމަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ވަނީ ފިލްމުގެ ލީޑު ފަސް ބަތަލާއިންގެ ތެރޭގައި ޕްރިޔާވެސް ހިމަނާފަ އެވެ.
މިހާ ބޮޑު ސަމާލުކަމެއް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލިބުމުން އުމުރުން އަދި އެންމެ 18 އަހަރުގެ ޕްރިޔާ ހުރީ ބިރުވެސް ގަނެފަ އެވެ. ޕްރިޔާގެ މަންމަ އަދި ފިލްމުގައި ފެނިގެންދާ އޭނާގެ ކޯ-ސްޓާރުން ދިން އިންޓަވިއުތަކުގައި ވެސް ޕްރިޔާ ބިރުން ހުރި ކަމަށާއި ގެއިން ބޭރަށް ދިއުމަށްވެސް އޭނާ މިހާރު ބިރުން އުޅޭކަމަށް ބުނެފައިވެ އެވެ.
ޕްރިޔާއަކީ ބެޗްލާ އޮފް ކޮމާސް ކިޔަވަމުންދާ ދަރިވަރެކެވެ. ކޮލެޖަށް ދާންވެސް އޭނާ މިހާރު ދެކޮޅު ހަދާކަމަށް ޕްރިޔާގެ މަންމަ ބުންޏެވެ.