ރާއްޖެ ކުޅިވަރު

އަމިއްލަ ދަނޑުގައި ބަލިވެ ޓީސީ ކުރަންޖެހޭ މަސައްކަތް ދެގުނައަށް

އޭއެފްސީ ކަޕް ޕްލޭ އޮފް ފުރަތަމަ ލެގުގައި މާލޭގައި ބެންގަލޫރު އެފްސީ އަތުން 2-3 ބަލިވެ ޓީސީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ދަތުރުކުރުމަށް ކުރަމުން އައި މަސައްކަތަށް ބޮޑު ހުރަހެއް އެޅިއްޖެ އެވެ. ދެވަނަ ލެގުގައި ރަށުން ބޭރުގައި ބެންގަލޫރޫގައި ކުޅޭ މެޗު ޓީސީ ޖެހޭނީ ކުރި ހޯދަންށެވެ.

މެޗަށް ޓީސީ އެޓީމު ސައިފް އާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރަ އާއެކު ނިކުތް އިރު ބެންގަލޫރު ނިކުތީ މުހިންމު ގިނަ ކުޅުންތެރިން ނުލަ އެވެ. މިކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެއްވަނަ ފޯވާޑް ސުނިލް ޗެތްރީ އަދި ކުރިން ވެނެޒުއޭލާ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް މީކޫ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 50 ވަނަ މިނިޓުގަ އެވެ. އެންޓޯނިއޯ ޑޮވާލޭ ނަގައިދިން ކޯނަރަކުން ބެންގަލޫރަށް ލީޑު ނަގައިދިން ލަނޑު ހައޮކިޕް ތަންގްކޮސިއެމް ކަމިޔާބުކުރީ ބޮލުންނެވެ.

ބެންގަލޫރު މެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ ކޯނަރަކުންނެވެ. ނަތީޖާ 0-2 ބަދަލުކޮށްލި ލަނޑު ގޯލްގެ ތެރެއަށް ވައްދާލީ އޮސްޓްރޭލިއާ މިޑްފިލްޑަރު އެރިކް ޕާޓަލޫ އެވެ. ޕާޓަލޫގެ ގޯލަށްވެސް ކޯނަރު ނަގައިދިނީ އެންޓޯނިއޯ ޑޮވާލޭ އެވެ.

ބެންގަލޫރު ދެގޯލުގެ ލީޑެއް ނެގިތާ މިނިޓެއް ތެރޭގައި ޓިސީ ފަރަގު ކުޑަކޮށް ނަތީޖާ 1-2 ބަދަލުކޮށްލި އެވެ. މިލަނޑު ކާމިޔާބުކުރީ މިސީޒަނަށް އަލަށް ގުޅުނު ކިރިގިސްތާން މިޑްފިލްޑަރު އެނަޓޯލީ އެވެ. ފޭދު އިއްބެ ކުޅުނު ބޯޅަ ބެންގަލޫރުގެ އޭރިޔާ ތެރޭގައި ހުރެ އެނަޓޯލީ ފޮނުވާލި ހަމަލާ އަމާޒު ގޯލްގެ މަތީ ކަނަށެވެ.

ފުރަތަމަ ލަނޑު ޖެހިތާ މާގިނަ އިރެއްނުވެ ޓީސީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފޭދޫ އިއްބެ އެވެ.

ފަހަތުން އަރައި 2-2 ޓީސީ ނަތީޖާ އެއްވަރުކުރި ނަމަވެސް ބެންގަލޫރު މެޗުގެ 77 ވަނަ މިނިޓުގައި ތިން ވަނަ ގޯލެއް ކާމިޔާބުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހައިދިން ހައޮކިޕް ތަންގްކޮސިއެމް އެވެ. ޓީސީ އޭރިޔާ ބޭރުން އޭނަ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ.

ބެންގަލޫރު އަލުން ލީޑު ނެގުމާއެކު ޓީސީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެން ފެށި އެވެ. މިގޮތުން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓީސީއަށް ރަނުގެ ތިން ފުރުސަތެއް ލިބުނެވެ. ފޭދޫ އިއްބެއަށް ހުސްކޮށް ފުރުސަތެއް ލިބުނުއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހްމަދް އާރިފް އަށް ލިބުނު ދެފުރުސަތު އޭނާ ވަނީ ނަގާލާފަ އެވެ.