ކުޅިވަރު

ބެންގަލޫރަށް ސަލާމަތް ވެވުނީ ހަމަކިރިޔާ

ޓީސީއާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ސަލާމަތްވީ ނަސީބުވެސް އެހީވެގެން ކަމަށް ބެންގަލޫރު އެފްސީގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ ބުނެފި އެވެ.

ބެންގަލޫރު މެޗު ކާމިޔާބު ކުރީ 3-2 ން ނެވެ. ނަމަވެސް އެ ޓީމުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ޓީސީން ވަނީ މެޗުގެ ނަތީޖާވެސް ހަމަހަމަ ކޮށްފަ އެވެ.

ރޮކާ ބުނީ، ދެ ލަނޑުގެ ލީޑެއް ނެގުމަށް ފަހު، އޭނާ މަސައްކަތް ކުރީ ކުޅުންތެރިން އަތުގައި ބޯޅަ ހިފަހައްޓައިގެން ކުޅުވަން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވެ ޓީސީން މާ ވަރުގަދަ އަށް ކުޅުނު ކަމަށެވެ. މެޗުގެ އެންމެ ފަހު މިނެޓަކީ ވަރަށް އުނދަގޫ ދަނޑިވަޅެއްގެ ގޮތުގައި ކުރިން ބާސެލޯނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ރޮކާ ބުންޏެވެ.

"އަހަރުމެންނަށް ހީވަނީ ނަސީބުވެސް އެހީވެގެން ހެން (ނަތީޖާ ލިބުނީ)،" ރޮކާ ބުންޏެވެ. "އެންމެ ފަހު 20 މިނެޓް ދިޔައީ ފިޒިކަލީ އަހަރެމެންނަށް ކުރިމަތިވި ކާރީސާއެއްގެ ގޮތުގައި، އަހަންނަށް ހީވަނީ މޫސުމާއި ދަނޑުގެ ވިނަގަނޑު އޮތް ހާލަތާ ހެދިހެން އެހެން ދިމާވީ ވެސް، މެޗުގެ ފަހު 20 މިނެޓްގައި އެމީހުން ލަނޑުވެސް ޖެހި އަދި ޓީމު އިތުރަށް ކުރިއަށް ޖެހި އަހަރެމެންނަށް ބާރު ބޮޑު ކުރި."

އޭނާ ބުނީ، އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ދާއިރު އެޑްވާންޓޭޖް އޮތަސް މެޗު ފަސޭހަ ކޮށްލެވެން ނޯންނާނެ ކަމަށެވެ.

"ފަސޭހަ ކޮށްލެވެން ނެތް ސަބަބަކީ އިދިކޮޅު ޓީމަކީ [ޓީސީ] އަކީ، ހަމަލާތަކުގައި ވަރަށް ވަރުގަދަ ޓީމެއް، ބެލެންސް ޓީމެއް."

ބެންގަލޫރު މޮޅުވީ، ފުރަތަމަ ލަނޑު ކާމިޔާބު ކުރި ހައޮކިޕް ތަންގްކޮސިއެމް އެވެ.

މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.