ރައީސް އަބްދުﷲ ޔާމީން

"ގާނޫނުއަަސާސީގެ ބާރު ކަނޑުވާނަމަ އެންމެ ބޮޑު އަދަބު ދެވޭގޮތް ހަދަން ޖެހޭ"

ގާނޫން އަސާސީ އާއި ގާނޫންތަކުގައި އުނިކަންތައް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ދުސްތޫރުގެ ބާރު ކަނޑުވާލާ ފަރާތްތަކަށް އެންމެ ބޮޑު އަދަބު ދޭ މާއްދާއެއް ގާނޫން އަސާސީގެ ތެރޭ ހިމަނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅު ވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ "ރުމާލު 2" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރީގެ ގާނޫނު އަސާސީގައި އެންމެ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމަށް ގައްދާރުވުން ކަމަށާއި އޭރުގެ އޮތް ގޮތުން ގައްދާރުވުމަކީ ކަނޑައެޅިގެން އެނގި ހުރެ ގާނޫން އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އެ މާއްދާ އަލުން މިހާރުގެ ގާނުނުއަސާސީގެ ތެރޭ ހިމަނާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ބާރު ތަންފީޒު ކުރުމަށް އެހެން ފަރާތްތަކުގެ މައްޗައް އަމުރު ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން އޭގެ ނާޖާއިޒް ފައިދާ ނަގައި، ގާނޫން އަސާސީގެ ބޭރުން ކުރާ ކަންކަމަކީ ކަނޑައެޅިގެން ގާނޫންއަސާސީގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަމަށާއި އެއީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.

"ގާނޫން އަސާސީގައި މީގެ ކުރިޔާ ހަމަޔަށް ހަގީގަތުގައި ވެސް އެންމެ ބޮޑު ކުށަކީ ހައި ޓްރީޒަން އެއީ ދައުލަތަށް ޣައްދާރުވުން، އެއީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ބަޣާވާތުގެ ވާހަކައެއް ނޫން، މުޅި ދައުލަތުގެ މައްޗައް އޮންނަ ހިޔާނާތުގެ ވާހަކަ އެއީ ކަނޑައެޅިގެން އެނގި ހުރެ ގާނޫން އަސާސީން ބާރު ކަނޑުވާލުމަކީ އެންމެ ނުބައި އަދަބު ދެވޭ އަދި އެންމެ ނުބައި ކުށް ކަމަށް ގާނޫން އަސާސީގައި ބުނެފައިވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އެހެންވެ ޝައްކެއް ވެސް ނެތް އެ މާއްދާ މިހާރުގެ ގާނޫން އަސާސީގެ ތެރެއަށް ވަންނާނެ ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގާނޫން އަސާސީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ. އަދި ގާނޫން އަސާސީ ލިޔުނު ހާއްސަ މަޖިލީހުގައި އެ މައްސަލަތައް އެޖެންޑާ ކޮށްގެން ކުރިޔަށް ގެންދަން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އޭރުގެ ސިޔާސީ ފަރާތްތަކުގެ ޕްރެޝާރާ ހެދި ރައީސް މައުމުން އަބްދުލް ގައްޔޫމަށް ގާނޫން އަސާސީ އޮތް ގޮތަށް ތަސްދީގު ކުރައްން ޖެހިވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑު މޭޒު މަތީގައި މިހާރު އެބައޮތް ގާނޫން އަސާސީ އޭރު ތަސްދީގު ކުރުމުގައި އޭރުގެ ބަންޑާރަނައިބު މިހާރު އަޅުގަނޑުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ ކަންބޮޑުވުންތައް ދިރާސާކޮށް ލިޔެފައި އޮތް ތަހުލީލީ ރިޕޯޓެއް، އޭރުގެ ރައީސް [ރައީސް މައުމޫން] އަށް ވެސް ހުށަހެޅުނު، އެހެން ނަމަވެސް ކޮންމެ ރައީސް އަކުން ވެސް ތަފާތު މަސްލަހަތުތަކަށް ވިސްނަން ޖެހޭ، ފަހަރުގައި ވެދާނެ އެމަނިކުފާނަށް ވެސް ގާނޫން އަސާސީގައި ހުރި އުނިކަންކަން ފާހަަގަ ކުރެވިދާނެ، އެކަމަކު އޭރު ރާއްޖޭގެ ސިޔާސީ މީހުން އެރުވި ވާން ކަމާއި ނުރައްކާތެރިކަމަށް ބަލާފައި އެންމެ ރަނގަޅުވާނީ ގާނޫން އަސާސީ ތަސްދީގު ކުރުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.