ކުޅިވަރު

ރެއާލަށް ރޮނާލްޑޯގެ ރެކޯޑް، ލިވަޕޫލަށް މާނޭގެ ހެޓްރިކް

ބުދަ ދުވަހަށް އަލިވީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުގައި ޖެހި އަށް ލަނޑުގެ ވާހަކަ އިންނެވެ. މިއަދު އިރު އެރީ ރޭ ކުޅުނު މެޗުތަކުގައި ޖެހި ނުވަ ލަނޑުގެ ވާހަކައިންނެވެ. ޕީއެސްޖީއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ ކުލަބުގައި ބޮޑު ރެކޯޑެއް ހަދައިފަ އެވެ.

ސެޑިއޯ މާނޭ ކާމިޔާބު ކުރި ހެޓްރިކާއެކު ލިވަޕޫލުން ޕޯޓޯގެ މައްޗަށް ކާމިޔާބު ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅެނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޕީއެސްޖީންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އެޑްރިއަން ރާބިއޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ، ޕިއެސްޖީގެ ޖިއޮވާނީ ލޮސެލްސޯ އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ރެއާލްގެ ޓޯނީ ކްރޫޒް ކޮނޑުގައި ހިފެހެއްޓުމުން ދިން ޕެނަލްޓީ އެކެވެ.

ރޮނާލްޑޯ ކާމިޔާބު ކުރި އެ ލަނޑަކީ ޗެމްޕިއަންސް ލީގްގައި ރެއާލް އަށް އޭނާ ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ. އޭނާ ވެފައި ވަނީ ޔޫރަޕްގެ އެންމެ މަތީ ފުޓްބޯޅަ މުބާރާތުގައި ރެއާލް މެޑްރިޑަށް 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ޕީއެސްޖީ އެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުގެ މުލައް ދަނޑީގައި ބޯޅަ ޖެހުނެވެ. ޕީއެސްޖީން ޕެނަލްޓީއަކަށް އެޕީލްވެސް ކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ރެއާލްއަށް ހަމަޖެހުމެއް ލިބުނީ އެ ޓީމަށް ގެނެވުނު ބަދަލުތަކުންނެވެ. މާކޯ އެސެންސިއޯ ކުޅެން ނިކުމެ މެޗު އަނބުރާލި ކުޅުންތެރިޔަކަށް އޭނާ ވިއެވެ. ރެއާލް މޮޅުކޮށްދިން ދެ ލަނޑު ކާމިޔާބު ކުރަން ފުރުސަތު ތަނަވަސް ކޮށްދިނީވެސް އެސެންސިއޯ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ ޕީއެސްޖީގެ ގޯލް ކުރިމައްޗަށް އެސެންސިއޯ ނަގައިދިން ބޯޅަ ކުކުލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރި މާސެލޯއަށްވެސް ފުރުސަތު ތަނަވަސްވީ އެސެންސިއޯ ދިން ބޯޅައިންނެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެމުން ދިޔަ ޕޯޓޯއަށް ދެރަ ލިބުނީ އެ ޓީމުގެ ކީޕަރު ހޯސޭ ސާ އަށް ހެދުނު މިސްޓޭކުތަކންނެވެ. މާނޭ ފޮނުވާލި ބޯޅަވެސް ގޯލް ތެރެއަށް ވަނީ ހޯސޭ ސާ އަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވުމުންނެވެ. ބޯޅަ ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފައި އެވެ. ދެ ވަނަ ލަނޑު މުހައްމަދު ސޮލާހްވެސް ކާމިޔާބު ކުރީ ހޯސޭ ސާއަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައިގެންނެވެ.

ދެ ވަނަ ހާފުގައި ލިވޫޕޫލުން ތިން ލަނޑު ކާމިޔާބު ކުރި އެވެ. ތިން ވަނަ ލަނޑު މާނޭ ކާމިޔާބު ކުރީ 53 ވަނަ މިނެޓްގައެވެ. ހަތަރު ވަނަ ލަނޑު ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރީ ޖޭމްސް މިލްނާ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. މާނޭ ހެޓްރިކް ހެދީ އޭރިއާ ބޭރުން ބާރު ބޯޅައެއް ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ.