އަލިފާން

ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގައި ރޯކޮށްލައިފި

Feb 15, 2018
5

ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި އަލިފާން ރޯކޮށްލައިފި އެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ނުރައްކާތެރި އެ ހާދިސާ ހިންގާފައި ވަނީ ރޭ ފަރިހު އެވެ. ރޯކޮށްލާފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގަ އެވެ.

އަލިފާން ރޯކޮށްލުއެކު ފަރތިހު 4:40 ގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ވަނީ އެ އަލިފާން ނިއްވާލާފަ އެވެ. އަލިފާން ނިއްވާލެވުނު ނަމަވެސް އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ އަނދައިގެން ގޮސްފައެވެ. އަނދައިގެން ދިޔައީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެކެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ސްޓޭޝަންގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށާއި ފުލުހުންނާއި އެމްއެންޑީއެފުން އެކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ފޮށީގައި ރޯކޮށްލި އިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ތެރޭގައި އަބަދުވެސް އަލިފާނުގެ ހާދިސާތައް ހިނގައެވެ. އެގޮތުން ކުނި ގޮނޑުގަ އާއި ނީލަން ފިހާރައިގައި ރޯކޮށްލުމަކީ މާޒީގައި އަބަދުވެސް ހިނގާ ކަމެކެވެ.