ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ވަންނަން މިއަދު ވެސް މަސައްކަތް އެބަކުރެ އެވެ. އަދި އެ މެންބަރުން ނެރެ ދުރަށް ޖައްސަން ފުލުހުން ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ. ދެ ފަރާތުގެ މި ހިފުމުގެ ތެރޭގައި ބައެއް މެންބަރުންނަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ބޭފުޅުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނެ އެވެ. -- މި ކަމާ ގުޅިގެން ފުލުހުން ވެސް އަދި އެއްވެސް ހޮސްޕިޓަލުން ވެސް ބަހެއް ނުބުނެ އެވެ.
މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ ޑެޕިއުޓީ ސެކެޓަރީ ޖެނަރަލްއާ ބައްދަލު ކުރެއްވުމަށާއި ބައެއް މަސައްކަތްތައް ކުރުމަށް ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނެ ދުވަހެއް އޮޅުން ފިލުވަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވެ އެވެ.
އެގޮތުން މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅައި މެންބަރުން އެ ސަރައްދުން ދުރަށް ޖައްސާފަ އެވެ. ބައެއް މެންބަރުން ވަނީ އުފުލާލައިގެން އެސަރައްދުން ބޭރުކޮށްފަ އެވެ. ބައެއް މެންބަރުން މަޖިލިސް ސަރައްދުން ދުރަށް ޖައްސާފައި ވަނީ ގަދަ ކަމުންނެވެ.
ފުލުހުން، މެންބަރުން ދުރަށް ޖައްސަން މަސައްކަތް ކުރި ވަގުތު ބައެއް މެންބަރުން ވަނީ ބިންމައްޗަށް ވެއްޓިފައި ވެއެވެ. މެންބަރުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދާއި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސެނެވެ. އެ ދެބޭފުޅުންނަށް ލިބުނީ ކޮން އަނިޔާތަކެއް ކަމެއް ސާފެއް ނުވެއެވެ.
އިދިކޮޅު މެންބަރުން އަދިވެސް ދަނީ މަޖިލީހަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުލުހުން ދަނީ އެ ސަހައްދަށް ނުވަދެވޭނެ ގޮތަށް މެންބަރުންނަށް ހުރަސް އަޅަމުންނެވެ. މިއަދު އެސަރައްދުން ރާއްޖެ ޓީވީގެ ނޫސްވެރިޔަކު ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް އިދިކޮޅު މެންބަރުން މަޖިލީހަށް ވަންނަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި އިއްޔެ ސިފައިން އެ މެންބަރުންތައް އުފުލާލައިގެން މަޖިލީހުން ނެރެފަ އެވެ. އެ މެންބަރުން ބުނާ ގޮތުން ޖަލްސާތަކަށް ފަށަންދެއް ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ވަނުމަށް މަސައްކަތް ކުރާނެ އެވެ.