- ސިފައިން އުފުލާލައިގެން ފަސް މެންބަރަކު ބޭރުކުރި
- މެންބަރުން ބޭނުންވަނީ މަޖިލިސް ފަށާ ދުވަހެއް ބަލަން
- ސިފައިން ހުރީ މަޖިލީހުގެ ގޭޓްގައި ތަޅުލާފައި
އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލީސް މެންބަރުން މަޖިލީހަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން އެ މެންބަރުންތައް އުފުލާލައިގެން މަޖިލީހުން ނެރެފި އެވެ.
މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ ޑެޕިއުޓީ ސެކެޓަރީ ޖެނަރަލްއާ ބައްދަލު ކުރެއްވުމަށާއި ބައެއް މަސައްކަތްތައް ކުރުމަށް ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނެ ދުވަހެއް އޮޅުން ފިލުވަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވެ އެވެ.
އެގޮތުން އިދިކޮޅު މެންބަރުން ޖަލްސާއަށް ވަނުމަށް މަސައްކަތް ކުރުމުން ގޭޓު ކައިރީ ތިބި ސިފައިން ވަނީ ގޭޓްގައި ތަޅު އަޅުވައި، އެ މެންބަރުން ވަނުމަށް ހުރަސް އަޅައިފަ އެވެ. ނަމަވެސް ފަހުން ބައެއް މެންބަރުން ގަދަކަމުން މަޖިލީހުގެ ގޯތި ތެރެއަށް ވަދެ މަޖިލީހުގެ ސިޑިމަތީގައި އިށީންދެގެން ތިބުމުން ސިފައިން ވަނީ އެ މެންބަރުން އުފުލާލައިގެން ގެންގޮސް މަޖިލީހުގެ ގޭޓު މަތިން ބޭރުކޮށްފަ އެވެ.
އަދި ބައެއް މެންބަރުން އަލުން މަޖިލީހުގެ ތެރެއަށް ވަނުމުން ސިފައިން އަލުން ވަނީ އެ މެންބަރުން ބޭރުކޮށްފަ އެވެ. އެއަށް ފަހު ފުލުހުން އެ ސަރަހައްދަށް އައިސް އެ މެންބަރުންނާއި ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސި އެވެ.
އިދިކޮޅު މެންބަރުން އިއްޔެ ވެސް ވަނީ މަޖިލީހަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. އެ މެންބަރުން ބުނާ ގޮތުން ޖަލްސާތަކަށް ފަށަންދެއް ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ވަނުމަށް މަސައްކަތް ކުރާނެ އެވެ.