ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަނީ

Feb 18, 2018
13

ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ރޭގެ އިރާކޮޅު ހަމަވާނެ އެވެ.

އެ މުއްދަތު އިތުރު ކުރެވޭނީ މަޖިލީހުން ރުހުން ލިބިގެން އެވެ. ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. އަދި އެޖެންޑާ ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އިދާރާއިން ބުންޏެވެ. ބެލެވޭ ގޮތުގައި މި ޖަލްސާއަކީ ސްޓޭޓް އޮފް އެމެޖެންސީއާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން 14 ދުވަހަށް ވުރެ ދިގު މުއްދަތެއްގައި ސްޓޭޓް އޮފް އެމެޖްސީ ބޭއްވޭނީ މަޖިލީހުން ރުހުން ލިބިގެން އެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ އިރު މަޖިލީހުގެ އިދިކޮޅު ތިން މެންބަރަކު ވަނީ ސްޓޭޓް އޮފް އެމެޖެންސީގެ ތެރޭގައި ހައްޔަރުކޮށްފަ އެވެ. އެގޮތުން، މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހުންނެވީ ޖަރުމަނަށް ވަޑައިގެން އެވެ. މާދަމާގެ ޖަލްސާގައި އެ މެންބަރުންނަށް ބައިވެރި ވެވޭނެ ކަމަށް ނުބެލެވެ އެވެ.

ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ހުކުމުގައިވާ ގޮތުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ގެއްލިފައެއް ނުވެ އެވެ. އަދި އެ މެންބަރުންނަކީ މަޖިލީހުގެ މެންބަރުންކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއާ އެކު މަޖިލީހުގެ އަގުލަބިއްޔަތު ވަނީ އިދިކޮޅު މެންބަރުންނަށް ލިބިފަ އެވެ. ނަމަވެސް މެންބަރުންތަކެއް ހައްޔަރު ކޮށްފައި ވާތީ މަޖިލީހުގެ އަގުލަބިއްޔަތު ބުރަވާނެ ކޮޅެއް އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މެންބަރުންނަށް ޖަލްސާއަށް ހާޒިރު ނުވެވޭނެ ކަމަށް ބަލައިގެން މަޖިލީހުގެ ފޯމޭޝަންގެ ހިސާބެއް ޖަހާނަމަ، އިދިކޮޅުގައި 40 މެންބަރުން ތިއްބަވާނެ އެވެ. އަދި އެމްޑީއޭ ޕީޕީއެމް ކޯލިޝަން އެއްކޮށްލުމުން ސަރުކާރު މެންބަރުންގެ އަދަދަކަށް ވެސް 40 އެވެ. ސަރުކާރު މެންބަރުންގެ އަދަދު 40 އަށް އަރަނީ ކޮންމެ ހާލަތެއްގައި ވިޔަސް މިވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ސަރުކާރަށް ތާއީދު ކުރާ މެންބަރަކަށް ވާތީ އެވެ. އެހެން ކަމުން މާދަމާ ވޯޓެއް ނަގައިފި ނަމަ ވޯޓް އެއްވަރު ވުމުގެ ފުރުސަތު ބޮޑެވެ. އަދި ވޯޓް އެއްވަރު ވެއްޖެ ނަމަ، ރިޔާސަތަށް ވޯޓުލާން ޖެހޭނެ އެވެ. އެ މަގާމު ފުރާނީ ޕީޕީއެމްގެ މެންބަރަކަށް ވާތީ، އެ ވޯޓަކީ ސަރުކާރު ކޮޅަށް ބުރަވާނެ ވޯޓެއް ކަމަށް ބެލެވެ އެވެ. އެހެން ވެއްޖެ ނަމަ، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ފާސްކުރުމުގެ ފުރުސަތު ބޮޑެވެ.

މާދަމާ ޖަލްސާ ބާއްވާއިރު އެކި ތުހުމަތުތަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ދޭތެރެ ދޭތެރެއިން އަންނަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުން އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށަން ޖެހޭނީ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަން ތާވަލްކުރި ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. އަދި މަޖިލީހަށް ވަންނަން މެންބަރުން މަސައްކަތް ކުރި ނަމަވެސް، ސިފައިން ވަނީ މިހާތަނަށް އެކަން ހުއްޓުވައިފަ އެވެ.