ހަބަރު

އިންޑިއާއިން ނަޝީދު އަނބުރާ ފޮނުވައިދީ، އެއީ ކުށްވެރިއެއް: ސަފީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެއަށް ފޮނުވުމަކީ އިންޑިއާއާ އެހެން ގައުމުތަކުން ކުރަން ވެއްޖެ ކަމެއް ކަމަށް އިންޑިއާގައި ހުންނަވާ ރާއްޖެގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ރާއްޖެއަށް ސިފައިން ފޮނުވަން ރައީސް ނަޝީދު ގޮވައިލެއްވުމަކީ ގައުމަށް ޣައްދާރުވުންް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ކުށްވެރިއެއް ކަމަށާއި އިންްޑިއާއާ އެހެން ގައުމުތަކުން ވެސް އެމަނިކުފާނު ރާއްޖެއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

" އޭނާ ދިވެއްސަކަށް ވާން ކުފޫހަމަވޭތަ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތް އަމިއްލަ ގައުމަށް ހަމަލާދޭން ގޮވާލައި ޣައްދާރުވީމާ،" ރައީސް ނަޝީދަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް ސިޔާސީ ގަޑުބަޑާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މައުލޫމާތު ދޭން މަންދޫބަކު ފޮނުވަން ދިވެހި ސަރުކާރުން އަދިވެސް އެދޭ ކަމަށެވެ.

"އެންމެ ފަހުން ފޮނުވި މަންދޫބު ދުބާއީއިން ނިއުދިއްލީއަށްދާ ކަނެކްޓިން ފްލައިޓަށް އަރާވަޑައި ނުގަތުމަށް ދެންނެވި ފަހުން، މަންދޫބަކު ފޮނުވަން އެދުނު އެދުަމަށް އަދި އޮތީ އިޖާބައެއް ނުލިބި،" ސަދީރު ވިދާޅުވި ކަމަށް ނޫހުަގައި ވެއެވެ.

އޭނާ ވިދާޅުވީ އޭރުގައި އެހެން ދިމާވީ މަންދޫބާ މަޝްވަރާ ކުރައްވާނެ އިންޑިއާގެ އިސް ބޭފުޅަކު ގައުމުގައި ވަޑައިގެންނެތުމުން ކަަމަށެވެ. އިންޑިއާއާ މަޝްވަރާ ކުރަން ރާއްްޖޭން އޮތް ޝައުގުވެރިކަން އެކަމުގެ ސަބަބުން ކުޑަ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ހިނގަމުން އަންނަ ސިޔާސީ ހަމަނުޖެހުންތަކާ ބެހޭ މައުލޫމާތުދޭން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.