ރައީސް މައުމޫން އަބްދުލްގައްޔޫމް

ތިން ތުހުމަތެއްކޮށް ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަހައްޓަވާ ޖަލު މަގްބޫލު އުޒުރެއް ނެތި ތަކުރާރުކޮށް ބަދަލުކުރާ މައްސަލަ ރައީސް މައުމޫންގެ ވަކީލުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު މިރޭ ވިދާޅުވީ އެއްވެސް ސަބަބެއް ބުނެ ނުދީ، ވަކީލުންނަށް ވެސް އެންގުމެއް ނެތި މައުމޫން ބަހައްޓަވާ ޖަލު އިރުއިރުކޮޅާ ބަދަލުކުރާ މައްސަލަ އެޗްއާރްސީއެމަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ ޓީމެއް ވީ އެންމެ އަވަހަކަށް މައުމޫން ހުންނެވި ހާލަތާއި އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ދޫނިދޫ އަށް ފޮނުވުމަށް ވެސް އެދިފައިވާ ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މައުމޫން ހައްޔަރުކޮށްގެން ފުލުހުން ފުރަތަމަ ގެންދިޔައީ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ޖަލަށެވެ. އެތަނުގައި ތިން ދުވަހު ބެހެއްޓެވުމަށްފަހު މާފުށީ ޖަލަށް މައުމޫން ބަދަލުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އޭގެ ފަހުން ވަރަށް ކުއްލި ގޮތަކަށް އެއްވެސް ފަރާތަކަށް އެންގުމެއްނެތި ފުލުހުން މިރޭ ވަނީ މައުމޫން އަނެއްކާވެސް ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ޖަލަށް ބަދަލުކޮށްފަ އެވެ.

މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ކުރިން އެންގުމަކާ ނުލައި މައުމޫން ބަހައްޓަވާ ތަން ބަދަލުކުރާތީ އެމަނިކުފާނުގެ ހާލުކޮޅާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މައުމޫން މިރޭ ދޫނިދޫ ކަސްޓޯޑިއަލް ޖަލަށް ބަދަކުލުރިކަން އާއިލާއަށްވެސް އަންގާފައިވަނީ ބަދަލުކުރުމަށްފަހު އެވެ.

"މާފުށީ ޖަލުން ދޫނިދޫއަށް މައުމޫން ބަދަލުކުރައްވާފައިވާ ކަމަށް ފުލުހުން މިއަދު ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަނީ އަންގާފައި. ނަމަވެސް މިއަދު ހަވީރު 4:00 ހާއިރުވެސް އެމަނިކުފާނު ދޫނިދޫއަށް ގެންދާކަމުގެ ނޯޓިސްއެއް ލިބިވަޑައިގެންފައެއް ނުވާކަން އަޅުގަނޑަށް ޔަގީންކޮށް ދަންނަވަން އެނގޭ،" ލޯޔަރު މައުމޫން ހަމީދު ވިދާޅުވި އެވެ.

ވަރަށް ކުއްލި ގޮތަކަށް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރި އިރު ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ޖަލަށް ވަޑައިގެން މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ބައްލަވައި، ބަހައްޓާފައި ހުރި ތަނުގެ މައުލޫމާތު ވެސް ވަނީ އޮޅުން ފިލުއްވައިފަ އެވެ.