"ސްޓޫޑަންޓް" އޮފް ދަ އިޔާ އިން 2012 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސިދާތް މަލްހޯތުރާގެ އެންމެފަހުން ނިކުތް ދެ ފިލްމަކީ އެކްޝަން ތްރިލާ އެކެވެ. އަދި ކުރިއަށް ނިކުންނަން އޮތް ފިލްމަކީ ވެސް އެ ޖޯންރާގެ ފިލްމެކެވެ. ކެރިއަރުގެ ކުރީކޮޅު ލޯބީގެ ފިލްމުތަކަށް ގިނައިން ކުޅުނު ސިދާތްގެ ލޯބީގެ ފިލްމަކަށް އިންތިޒާރުކުރަމުން އައި ފަރާތްތަކަށް މިއީ ޔަގީނުން ވެސް އުފާވެރި ހަބަރެކެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ކަންނާޑާ ފިލްމު "ކިރިކް ޕާޓީ" ގެ ހިންދީ ރިމޭކުގެ ބަތަލުގެ ރޯލު ސިދާތަށް ވަނީ ހުށަހަޅާފަ އެވެ. ރޮމޭންޓިކް ކޮމެޑީ އެ ފިލްމަކީ އެކްތާ އުފައްދާ ފިލްމެއް ސިދާތް ކުޅޭ ދެވަނަ ފަހަރަވެ. މީގެކުރިން ނިކުތް ސިދާތްގެ އެންމެ ކާމިޔާބު އެއް ފިލްމު، "އޭކް ވިލަން" ވެސް ޕްރޮޑިއުސްކޮށްފައިވަނީ އެކްތާ އެވެ.
އެ ފިލްމުގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން ވަނީ އެކްތާގެ އާ ފިލްމާ ގުޅޭގޮތުން އޭނާ އާއި ސިދާތް ބައްދަލުކޮށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި މިހާރު މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
މި އަހަރު ނިކުންނަ ސިދާތްގެ ފުރަތަމަ ފިލްމު "އައްޔާރީ" މިއަދު ރިލީޒްކުރާނެ އެވެ. މި ފިލްމަކީ އާމީގައި މަސައްކަތްކުރާ ހިޔާލު ތަފާތު ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތަކެއް ފެނިގެންދާ ފިލްމެކެވެ.
ކުރިއަށް ކުޅެން ސިދާތް އަތުގައި ހުރި ފިލްމުތަކުގެ "އާޝިގީ 3" އާއި ވިކްރަމް ބަޓްރާ ބައޮޕިކް ހިމެނެ އެވެ.