ބޮލީވުޑް

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގެ ތަރިންނަކީ މިއީ

Feb 16, 2018

ދެހާސް ބާރަ ވަނަ އަހަރު ކަރަން ޖޯހަރުގެ ޑައިރެކްޓްކުރާ "ސްޓޫޑަންޓް އޮފް ދަ އިޔާ" ކާމިޔާބު ފިލްމަކަށް ވުމުގެ އިތުރުން އެ ފިލްމަކީ މިހާރު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ތިން ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ ވެސް ބޮލީވުޑަށް ނިކުތް ފިލްމެވެ.

މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދާކަން އިއުލާންކުރިއިރު، ފުރަތަމަ ފިލްމާ ހިލާފަށް ދެވަނަ ފިލްމުގެ ލީޑްގައި ފެނިގެންދަނީ އެންމެ ބަތަލެކެވެ. އެ ރޯލު ކުޅެން ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރިން ވެސް އަޑުއަރަފައިވާ ގޮތަށް، ޓައިގާ އާއެކު މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ނިކުންނަ ދެ މޫނު ކަމަށްވާ ތާރާ ސުތަރިއާ އާއި އަނަންޔާ ޕާންޑޭ އެވެ.

އަނަންޔާ އަކީ މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅެވެ. ސޯޝަލް މީޑިއާގައި އަނަންޔާ އަކީ މަޝްހޫރު ކުއްޖެކެވެ. އަދި ތާރާ އަކީ އެކްޓްކުރުމުގެ އިތުރުން ލަވަވެސް ކިޔާ ތާރާ ޓީވީ ތަރިއެއްގެ ގޮތުގައި ތައާރަފުވެފައިވަނީ 2011 ވަނަ އަހަރު ސޮނީއިން ދެއްކި ޝޯ "އެންޓަޓެއިންމަންޓް ކެލިޔޭ ކުޗްބީ ކަރޭގާ" އިންނެވެ. އޭގެފަހުން އޭނާ ވަނީ ޑިޒްނީގެ ޝޯތަށް ކަމަށްވާ "ދަ ސުއިޓް ލައިފް އޮފް ކަރަން އެންޑް ކަބީރް" އާއި "އޮއެ ޖެސީ" އިން ފެނިގެން ގޮސްފަ އެވެ.

މި ފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނުން ޓައިގާ އާއެކު ފެނިގެންދާ ބަތަލާއިންނަކީ އަނަންޔާ އާއި ތާރާ ކަން އަދި ހާމަނުކުރިޔަސް ބޮލީވުޑްގެ ނޫސްތަކުން ވަނީ އެދެމީހުންނަކީ އެ ފިލްމުގެ ބަތަލާއިން ކަމަށް ބުނެފަ އެވެ.

ޕުނީތް މަލްހޯތުރާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް ޓައިގާ މިފަހުން ފިލްމުގެ ޕޯސްޓަރެއް އާންމުކުރަމުން ވަނީ ފިލްމު މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.