ބޮލީވުޑް

ސާރާގެ ފިލްމު ހުއްޓުމުން އަމްރިތާ ރުޅިގަދަވެއްޖެ!

Feb 18, 2018

ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުން ފިލްމު "ކެދާރްނާތް" ގެ ޝޫޓިން ކުރިއަށް ދަނިކޮށް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުންނާ ދެމެދު ޖެހުނު މައްސަލައެެއްގައި އަރައިރުންވެ ފިލްމުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ފިލްމުގެ ހުއްޓުމުގެ ސަބަބުން ސާރާގެ ކެރިއަރަށް ވާނެ ގޮތެއް ނޭނގޭއިރު، ފިލްމަށް ވަގުތު ދޭން ޖެހި ގިނަ ފިލްމުތަކެއް އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ފިލްމު ރިލީޒްކުރާ ތާރީހު ބަދަލު ކުރަން ޑައިރެކްޓަރު އަބީޝެކް ކަޕޫރު ދެކޮޅު ހެދުމުން މި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ކްރީއާޖް އެންޓަޓެއިންމަންޓާއި ޓީ ސީރީޒްއިން ވަނީ އަބީޝެކްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ގުޅުން ކަނޑާލާފަ އެވެ.

ސާރާގެ ފުރަތަމަ ފިލްމުގެ ޝޫޓިންގެ ތެރެއިން މިހާ ގިނަ މައްސަލަތަކެއް ޖެހުމުން އެންމެ ކަންބޮޑުވާ އެކަކަކީ އޭނާގެ މަންމަ އަމްރިތާ އެވެ. ސަބަބަކީ ސާރާގެ އަށް ބޮޑެތި ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކުން ފުރުސަތު ލިބެމުން ދަނިކޮށް "ކެދާރްނާތް" ކުޅެން އޭނާ އެއްބަސްވީ އަމްރީތާ އެ ފިލްމު ކުޅެން އެދުމުންނެވެ.

އެހެންކަމުން "ކެދާރްނާތް" ގެ މަސައްކަތް ހުއްޓުމަކަށް އައުމުން އެކަމާ އަމްރިތާ ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން އޭނާ އާއި އަބީޝެކާ ދެމެދު ހޫނު ޒުވާބެއް ގޮސްފައިވާ ކަމަށްވެސް ވެއެވެ.

ހަބަރުތައް ބުނާގޮތުން އަމްރިތާ އާއި އަބީޝެކާ ދެމެދު ހިނގި ޒުވާބެއްގައި އޭނާ ވަނީ ފިލްމުގެ ކުރިއަށް ހުރި ހުރިހާ މަންޒަރެއް ނަގާނީ އިތުރު ޕްރޮޑިއުސަރެއްގެ އެހީއާ ނުލައި އޭނާ އަމިއްލަ އަށް ކަމަށް ބުނެފަ އެވެ. އަދި ފިލްމު ރިލީޒް ކުރަންވާ އިރަށް ބޮޑު ޕްރޮޑަކްޝަން ކުންފުންޏެއްގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ފިލްމުގެ މިސްރާބު ދާ ގޮތުން އެކަމުގެ ނޭދެވޭ އަސަރު ސާރާގެ ކެރިއަރަށް ކުރާނެތީ އަމްރިތާ ވަނީ އަބީޝެކް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

މި ފިލްމުގެ ޝޫޓިން ވެސް މަޑުޖެހިފައި އޮތްއިރު، އަލުން ފަށާނެ ތާރީހެއް އަދި ނުބުނެ އެވެ. ފިލްމުގައި ސާރާ އާއެކު ލީޑްރޯލުން ފެނިގެންދާ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ވަނީ މިފަހުން އާ ފިލްމެއްގެ ޝޫޓިން ފަށާފަ އެވެ.

ސާރާ އަކީ މި އަހަރު ބޮލީވުޑަށް ތައާރަފުވާ ކުދިންގެ ތެރެއިން އެންމެ އުންމީދު ބޮޑު އެއް ތަރި އެވެ.