މިއަހަރު ފުޓްބޯޅަ ސީޒަނާ ކުރިމަތި ލަނީ ގައުމީ ފުޓްބޯޅަ ދަނޑަށް ގެނެވުނު ބަދަލަކާ އެކު އެވެ. ދަނޑުގެ ބައެއް ސަރަހައްދުތަކުގައި ސްޕޮންޖް ގޮނޑި ހަރު ކުރެވި އަނެއް ސަރަހައްދުގައި ޕްލާސްޓިކް ސީޓި އެތުރިއްޖެ އެވެ. ރަނގަޅު ބަދަލެކެވެ. ކުޅިބަލާ މީހުންނަށް ފަސޭހަ ވެގެންދާނެ އެވެ. އެއީ 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖްކަޕަށް ގަލޮޅު ދަނޑަށް ކުރެވުނު އަގު ބޮޑު އިންވެސްޓްމެންޓްގެ ފަހުން ދަނޑަށް ގެނެވުނު ފާހަގަ ކުރެވޭ ބަދަލެވެ.
ނަމަވެސް ހައްލު ނުވެ އޮތީ އެންމެ މުހިންމު އެއް ކަންތެކެވެ. ދަނޑުގެ ވިނަ ގަނޑެވެ. ވިނަ ގަނޑު އޮތް ހާލަތުގެ ސަބަބުން، އެ ޝަކުވާ އެންމެ ބޮޑަށް ފެންމަތި ވާނީ، އިންޓަނޭޝަނަލް މެޗުތަކަށް ކުރިމަތިލާއިރު އެވެ. އަވޭ ޓީމުން މި ވާހަކަ ދެއްކުމުން އެއީ މެޗަށް ބަހަނާއެއް ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމަށް ބެލެވިދާނެ އެވެ.
ނަމަވެސް އެ ޝަކުވާ އޮތީ ބިދޭސީ ޓީމުތަކުގެ ޝަކުވާއެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ ޓީމުތަކުގެ ކޯޗުންގެވެސް ބޮޑު ޝަކުވާއަކަށް އެކަން ވަނީ ވެފަ އެވެ.
"އަހަރެން ހިތައް އަރާ މިކޮންޑިޝަންގައި އޮތް ދަނޑެއްގައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ ފުޓްބޯޅަ ކުޅެފައި އިންޓަނޭޝަނަލް މުބާރާތަކަށް ދާއިރު ކުޅުންތެރިންނަށް އަސަރު ނުކުރާނެ ބާއޭ،" މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފައި ވެއެވެ. "މިއީ ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަން މިއަށްވުރެ ވިނަގަނޑުގެ ހާލަތު ރަނގަޅު ކުރެވޭނެ."
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ވެސް ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ދަނޑުގެ ވިނަގަނޑު އޮތް ގޮތާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވުން ފާޅު ކޮށްފަ އެވެ. ނިޒާމް ފާހަގަ ކުރީ ވިއްސާރަވެ ދަނޑު ތެމުމުގެ ސަބަބުން ޗަކަސް ވެފައި އޮތުމުން ކުޅުންތެރިންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ އެވެ.
"މިއޮތް ކޮންޑިޝަންގައި އޮތް ދަނޑަށް ކިތަންމެ ޕްރޮފިޝަނަލް ކުޅުންތެރިޔެއް އެރުވިޔަސް ނުކުޅެވޭނެ ރަނގަޅު ޕާހެއްވެސް ނުއުފެއްދޭނެ މި ކޮންޑިޝަންގައި ކުޅެން ޖެހުމުން އެއްގޮތަކަށްވެސް ކުޅެވޭ ގޮތެއް ނުވި." ވާރޭ ވެހުމުގެ ސަބަބުން ތެމިފައި އޮތް ދަނޑަށް އިޝާރާތް ކޮށް ލީގްގެ ފުރަތަމަ ބުރުގައި ށ. މިލަންދުއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނިޒާމް ބުނެފައި ވެއެވެ.
އެއީ ވާރޭ ވެހިއްޖެނަމަ ދަނޑުގެ ހާލަތު އޮންނަ ގޮތެވެ. މައްސަލަ ދިމާ ވަނީ ވާރޭ ވެހުމުގެ ސަބަބުން އެކަންޏެއް ނޫނެވެ. މިއީ އަހަރުތަކެއް ކުރިންވެސް އޮތް ޝަކުވާއެކެވެ. ދަނޑުގެ ވިނަ ގަނޑު އެންމެ ބޭނުންވާ ފަރުވާ ނުދެވެ އެވެ. ވިނަ ގަނޑު ބަލަހައްޓަން ޖެހޭ ގޮތަށް ބެލެހެއްޓޭ ތަނެއް ނުފެނެ އެވެ. އެހެން ނަމަ މިކަހަލަ މައްސަލަތަކެއް ދިމާ ނުވީހެވެ.
ދެހާސް ފަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ބޭއްވުމަށް ފީލްޑްގައި ހަރު މެޓެއް އެޅި އެވެ. މިނިވަން 50 ގެ އޮފީހުން އޭރު ބުނެފައިވަނީ މެޓް އެޅީ ވިނގަނޑު ހިމާޔަތް ކުރުމަށް ހާއްސަ "ޕްރޮޓަކްޓާ ލޭޔާ އެއް" އަޅާފައި ކަމަށެވެ. ނަމަވެސް ވިނަގަނޑު "ހިމާޔަތެއް" ނުކުރެވުނެވެ. ވިނަގަނޑު އެއްކޮށް މަރުވީ އެވެ. ދިވެހި ޕްރިމިއާ ލީގް މެދު ކަނޑާލައި އައްޑޫ އާއި ކުޅުދުއްފުށްޓަށް ޓީމުތައް ގޮސް ޕްރެޒިޑެންޓް ކަޕް ކުޅުނެވެ. އެއަހަރު އެފްއޭ ކަޕް ކެންސަލް ކުރީ އެވެ. ދަނޑުގެ ވިނަގަނޑު މަރުވުމުން ރާއްޖޭގެ އެދުމުގެ މަތިން ގަތަރުން ތަޖުރިބާކާރެއް ފޮނުވި އެވެ. އެއީ ގަތަރުގައި ބާއްވާ ވޯލްޑްކަޕްގެ ސްޓޭޑިއަމްތަކުގެ ވިނަގަނޑު އިންސްޓްލް ކުރުމުގެ މަސައްކަތުގެ އެންމެ އިން މާހިރެއްގެ ގޮތުގައި ހަރަކާތްތެރިވާ ނިއުޒިލެންޑްގެ ސްޕޯޓްސް ނެޗްރަލް ޓާފް އެކްސްޕާޓެކެވެ.
ދަނޑުގެ ވިނަ ގަނޑަށް އޭރު ދިމާވި މައްސަލަ ހައްލު ކުރުމަށް އެހީތެރިވުމަށް، ބޭރުގެ ތަޖުރިބާކާރު ފަރާތެއްގެ އެހީތެރިކަން ލިބުން އެއީ ލިބުނު ހިތްހަމަޖެހުމެއްގެ ގޮތުގައި އެފްއޭއެމްގައި އޭރު އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ފާހަގަ ކުރި އެވެ.
ނިއުޒިލެންޑްގެ ސްޕޯޓްސް ނެޗްރަލް ޓާފް އެކްސްޕާޓް ރާއްޖެ އައިސް ވިނަ ގަނޑު އަލުން ހައްދައި ބަލަހައްޓަންވީ ގޮތް ކިޔައި ދިނެވެ. ނަމަވެސް އެގޮތަށް އަމަލު ކުރެވޭ ތަނެއް ނުފެނެ އެވެ.
"ނިއުޒިލެންޑްގެ އެކްސްޕާޓް އައިސް ކިޔައިދިން ވިނަ ގަނޑު ބަލަހައްޓަން ޖެހޭ ގޮތް ނަމަވެސް އެންމެ ބޮޑު މައްސަލައަކީ އެގޮތަށް ބެލެހެއްޓެމުން ނުދާކަން." އެފްއޭއެމްގެ އޮފިޝަލަކު މިދިޔަ އަހަރު ވިދާޅުވެފައި ވެއެވެ.
ގަލޮޅު ދަނޑުގެ މިލިކުވެރިޔަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އެވެ. ދަނޑު ތަރައްގީ ކުރުމާއި ގެންނަން ޖެހޭ ބަދަލުތައް އޮންނަނީ ޔޫތު މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދަށުގައެވެ. ދަނޑު އޮތް ހާލަތާ މެދު ސުވާލުކުރުމުން ޔޫތު މިނިސްޓްރީ ބުނީ މިހެންނެވެ.
"މިހާރު މައްސަލަ ދިމާވުމުގައި އެންމެ ބޮޑު ސަބަބަކީ ރޯލަރު ނޭޅޭތީ،" ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާ އަހްމަދު އިބްރާހިމް ވިދާޅުވި އެވެ. "މިނިސްޓްރީގެ ރޯލަރު ހުރީ ހަލާކު ވެފައި، އޭއެފްސީ މެޗުގެ ކުރިން އަޅުގަނޑުމެން އެދުނިން އެމްއާރްޑީސީއަށް ދަނޑު ރޯލަރު އަޅައި ދިނުމަށް، މިނިސްޓްރީގެ ރޯލަރު ހެދެން ދުވަސް ކޮޅެއް ނަގާނެ."
އޭއެފްސީ ކަޕް ޕްލޭއޮފް ބުރުގައި ޓީސީއާ ދެކޮޅަށް ކުޅެން ރާއްޖެއައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އަލްބަޓް ރޮކާ ވަނީ ދަނޑުގެ ވިނަ ގަނޑު އޮތް ގޮތާމެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ބެންގަލޫރުން މާލޭ އައިސް ޕްރެކްޓިހަށް ނިކުތުމުގެ ކުރިން އެ ޓީމުގެ އޮފިޝަލުން އެންމެ ފުރަތަމަ ބެލީ ދަނޑުގެ ވިނަ ގަނޑު އޮތް ހާލަތެވެ. މިއީ ރާއްޖެ އަންނަ ކޮންމެ ޓީމަކުންވެސް އެންމެ ފުރަތަމަ ބަލަން ބޭނުންވާ އެއްކަމެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ގަތަރު ގައުމީ ޓީމުން ވަނީ މެޗު ކުޅުމުގެ ދުވަސްތަކެއް ކުރިން އެޑްވާންސް ކޮންޓިޖެންޓެއް މާލެ ފޮނުވާފަ އެވެ. އެއީ ޓީމު އައުމުގެ ކުރިން ހާލަތު އިންސްޕެކްޓް ކުރުމަށެވެ. މާލޭގެ ހާލަތާއި، ޓީމު ތިބުމަށް ހަމަޖައްސާފައިވާ ހޮޓަލާއި ދަތުރު ކުރަން ޖެހޭ މަގުތަކުގެ ހާލަތުވެސް އެޑްވާންސް ޓީމުން ބެލި އެވެ. އެޑްވާންސް ޓީމުގެ އެންމެ ބޮޑަށް ކަންބޮޑު ވުމަކަށްވީ ދަނޑުގެ ވިނަ ގަނޑު އޮތް "ގޯސް" ހާލަތެވެ.
މިކަމަށް ހައްލެއް އެބަ ބޭނުން ވެއެވެ. ރާއްޖޭގައި އިންޓަނޭޝަނަލް މެޗުތައް ކުޅެވެން މިއޮތީ އެންމެ ދަނޑެކެވެ، އެ ދަނޑުގެ ހާލަތު ރަނގަޅު ކުރަން ޖެހެ އެވެ. ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ގޮތުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް އެކަށައެޅިފައި އެބަހުއްޓެވެ. މަލްޓިޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްޓޭޑިއަމް ތެކެވެ. ނަމަވެސް އެއިން އެއްވެސް ޕޮރޮޖެކްޓެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ. ފުޓްސަލް ދަނޑާއި ބަށި ކޯޓު އަޅައިގެން އެއަށް ސްޕޯޓްސް އެރީނާއެއް ނުކިޔޭނެ އެވެ.
ކުޅިވަރު ކޮމްޕްލެކްސް އާއި ސްޓޭޑިއަމް ބިނާ ކުރަން ޖެހޭ ވާހަކަ އެއްފަރާތުގައި ބާއްވާށެވެ. އެންމެ ކުޑަ މިނުން ގަލޮޅު ދަނޑުގެ ވިނަ ގަނޑަށް ފަރުވާއެއް ބޭނުން ވެއެވެ. އެއީ ދަނޑެއްްގައި ނަަމަ އެންމެ މުހިންމު އަސާސެވެ. ވިނަގަނޑަށް ހައްލެއް ހޯދޭނެ ގިނަ ގޮތްތަކެއް ހުންނާނެ އެވެ. އޭގެތެރެއިން އެންމެ އަވަސް އަދި އެންމެ އެދެވޭ ގޮތަކަށް ވަނީ، މިހާރު އޮތް ވިނަގަނޑު އުފުރުމަށްފަހު ނެޗްރަލް ގްރާސްތައް އެޅުމެވެ. މިއީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އަމަލު ކުރަމުން އަންނަ ގޮތެވެ. ތިރީގައި މިވާ ވީޑިއޯއިން ހިޔާލެއް ލިބޭނެ އެވެ.