ބޭންކް އޮފް މޯލްޑިވްސް

އިޖުތިމާއީ ޒިންމާގައި ގައުމީ ބޭންކް އަތެއް ނުވާނެ!

Feb 18, 2018
1

މިއީ، ގައުމީ ބޭންކުގެ އިޖުތިމާއި ޒިންމާގެ މަހެވެ. އެ ބޭންކުން މުޖުތަމައަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ހިންގުމަށް ހާއްސަކޮށް މި މަހުގެ ކޮންމެ ދުވަހަކު ވެސް ހަރަކާތެއް ދަނީ ހިންގަމުންނެވެ. މިކަމުގައި ގައުމީ ބޭންކުގެ ހުރިހާ މުވައްޒަފުން ވަނީ މުޅި ރާއްޖޭގައި ރުކުރުވާލާފަ އެވެ. ރައްޔިތުންނަށް ފަސޭހަ އެތައް ކަމެއް ގެނެސްދީފި އެވެ. ބޭނުންތައް ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިވެ ދީފި އެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކަށް އެހީތަށް ދަނީ ދެމުންނެވެ. ބީއެމްއެލް "އަހަރެންގެ ބޭންކް" ކެމްޕޭންއާއެކު އިޖުތިމާއީ ޒިންމާ އަދާ ކުރުމުގެ އެހެން ކުންފުނިތަކާ ދުރަށް މި ވަނީ ޖެހިލާފަ އެވެ.

"އަހަރެންގެ ބޭންކް ޕްރޮޖެކްޓުން އަންގައި ދެނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލް ކުރަން އަޒުމް ކަނޑައަޅާފައިވާ ކަންތައްތަކާއި އެކަމުން މުޖުތަމަ އަށް ކުރާނެ ފައިދާ. ދެން ބުނެދެނީ ބީއެމްއެލް އަބަދު ވެސް ދިވެހިންގެ ބޭނުންތައް ފުއްދައި ދިނުމުގައި ވަރުބަލިވުމެއް ނެތި، ދެމިތިބޭނެ ކަން" ގައުމީ ބޭންކުގެ "އަހަރެން ގެ ބޭންކް" ކެމްޕޭން ފެށުމުގެ ގޮތުން މިދިޔަ އަހަރު ގައުމީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައިވެ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން މިދިޔަ އަހަރު ދެ އަހަރު އެ ކުންފުނިން ވަނީ 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ. މިގޮތުން މިދިއަ އަހަރުވެސް 300 މިލިއަން ރުފިޔާ އިންވެސްޓް ކޮށް އެ އަދަދަށް މި އަހަރުވެސް ކުރާނެ އެވެ. މި އަހަރު މި ޕްރޮގްރާމު ފަށާފައިވަނީ ތަފާތު ގޮތަކަށެވެ. މި އަހަރުގެ ޕްރޮގްރާމުގައި މި އަހަރު އެކަނި ވެސް 28 ހަރަކާތެއް ހިންގާނެ އެވެ. ބޭންކުގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ދަނީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށް ދިނުމަށް ތަފާތު ހިދުމަތްތައް ދަނީ ތައާރަފު ކުރަމުންނެވެ.

އިޖުތިމާއީ ޒިންމާ އަށް 300 މިލިއަން

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމަކަށް ވަނީ ހަދާފަ އެވެ. ބޭންކުން މިހާތަނަށް މި މަހު 17 ހަރަކާތެއް ވަނީ ހިންގާފަ އެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި މިހާތަނަށް ކުރި އަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި އަހަރެންގެ ބޭންކް އިންސްޓަގްރާމް ޗެލެންޖެއް ފެށުމާއި ބާސްކެޓް ކޯޓެއް ހުޅުވުން އަދި ގިނަ އަދަދަކަށް ގެސްޓްހައުސް ހުރި އއ. ރަސްދޫ ސާފު ކުރުމުގެ އިތުރުން ކެންސަރު ބައްޔަށް ހޭލުންތެރިކުރުވަން ހަރަކާތެއް ހިންގުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ވިލިމާލޭގައި ސެލްފް ސާވިސް ސެންޓަރެއް ވެސް ވަނީ ހުޅުވާފަ އެވެ. އަދި ސްކޫލް ދަރިވަރުން މާލީ ދާއިރާއަށް ހޭލުންތެރި ކުރުވި އެވެ. އެހެން ހަރަކާތްތަކުގެ ތެރޭގައި "ޗެރިޓީ ރަން" ގެ ގޮތުގައި ދުވެގެން ވަނީ 90،000ރ. އާއްމު ތިން ޖަމިއްޔާ އަކަށް ހަދިޔާ ކުރި އެވެ. އަދި މުވައްޒަފުން ލޭ ހަދިޔާ ކުރުމާއި ކޭޝް ކާޑުން ހުޅުމާލެ ޓެކްސީ އަށް ފައިދާ ދެއްކުން ފަދަ ހަރަކާތްތަކެއް ހިމެނެ އެވެ.

ރާއްޖޭގައި ސީއެސްއާރު ހަރަކާތްތައް

އިޖުތިމާއީ ޒިންމާއަކީ ހަމައެކަނި ސަރުކާރު ކުންފުނިތަކަށް އޮންނަ ކަމެއް ހެއްޔެވެ؟ ނުވަތަ ޓެކްސް ދެއްކުމާއި އެންމެ ގިނައިން ޓެކްސް ދެއްކުމަކީ އިޖުތިމާއީ ޒިންމާގެ ބައިން ރެކެވޭނެ ކަމެއް ބާ އެވެ؟

ރާއްޖޭގައި މިލިއަން ޑޮލަރު ލިބޭ ކުންފުނިތައް އެބަހުއްޓެވެ. އަދި ބޭރުގެ މަޝްހޫރު ބްރޭންޑުތައް ވެސް ހަރަކާތްތެރިވެ އެވެ. ނަމަވެސް ސީއެސްއާރަށް ހޭދަ ކުރަނީ މަދު ބައެކެވެ. ކުޑަ މިސާލެކެވެ. ރާއްޖޭގެ އެންމެ ރިސޯޓުތައް ގިނަ އަތޮޅުގައި ހުރި ކޮންމެ ރިސޯޓަކުން އަހަރަކު އެންމެ އިޖުތިމާއީ ޒިންމާގެ ހަރަކާތެއް ހިންގި ނަމަވެސް އެ އަތޮޅުގައި ރައްޔިތުން ތިބޭނީ ފުދިގެންނެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުންޏެއްގެ އިސްވެރިއަކު ބުނި ގޮތުގައި ރާއްޖޭގައި އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް މަދުވާ އެއް ސަބަބަކީ އެކަށީގެންވާ އޮނިގަނޑެއް މި ކަމުގައި ހެދިފައި ނެތުމެވެ.

"ސީއެސްއާރުގެ ކޮންމެ ވެސް ކަމެއް ކުރުމަކީ ލާޒިމް ކަމަށް ހަދަން ޖެހެނީ. އެކަމަށް އެ ބަޖެހޭ ސަރުކާރުގެ ތެރެ އިން ރަނގަޅު އޮނިގަނޑެއް ހަދަން. އެ ފަދަ އޮނިގަނޑެއް ހަދައިފިނަމަ ރާއްޖޭގައި މިލިއަން ޑޮލަރުން އިންވެސްޓް ކުރާއިރު ސީދާ ރައްޔިތުންނަށް މީގެ ބެނެފިޓް ވާނެ. ބޮޑެތި އިންވެސްޓްމަންޓް ގެންނަ އިރު އެ ބޭފުޅުންނަށް އެއްޗަކަށް ވާނެތޯ ދެ ލައްކަ އެއްހާ ޑޮލަރު ސީއެސްއާރު ހަރަކާތެއް ހިންގާލަން؟،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އިތުރަށް، އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަކީ ސަރުކާރުގެ އެހެން ކުންފުނި ތަކަށް ވެސް އޮތް މިސާލެއް ކަމަށެވެ.

"އެހެން ކުންފުނިތަކުން ސީއެސްއާރަށް ހޭދަ ނުކުރެ އެއް ނޫން. ކުރޭ. އެކަމަކު އެބަޖެހޭ ނަތީޖާ ލިބޭނެ ކަންކަން ކުރަން. އެގޮތަށް ބަލާއިރު ބޭންކުގެ ސީއެސްއާރު ވަރަށް އިފެކްޓިވް،"

ކޮންމެއަކަސް، ސީއެސްއާރު ހަރަކާތް ތަކަކީ ވިޔަފާރީގެ މުހިންމު ބަޔަކަށް ހަދަން ޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަނީ މިހެންނެވެ. މި އުސޫލުން ބަލާއިރު ގައުމީ ބޭންކުގެ މި ފެންނަނީ މި ދާއިރާގައި މާ ކުރީގައި އުޅޭ ތަނެވެ.