ރިޕޯޓް

މިއީ މުސްތަގްބަލަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް

Sep 23, 2020
3

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ފައިސާގެ އަދަދު ލިމިޓު ކުރި އެވެ. މި ބަދަލަށް ބަލާއިރު މިހާރު ބޭރުގައި ބޭނުން ކުރެވޭނީ ކާޑަކަށް، މަހަކަށް 750 ޑޮލަރެވެ. އަދި ރާއްޖޭގައި ނަމަ ބޭނުން ކުރެވޭނީ 250 ޑޮލަރެވެ. ބޭންކް އިން މި ބަދަލު ގެނައީ ދެން އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށް ބޭންކުން ބުނެފައިވެ އެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބޭންކް އިން ބުނަނީ ރާއްޖެ އަށް ޑޮލަރު ވަންނަ މައިދޮރު ބަންދުވެ، ޑޮލަރުގެ ތާށިކަން މަތިވުމެވެ. އަދި ހަމައެހެންމެ ގިނަ އަދަދެއްގެ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއިން ބޭރުވުން ހިފަހައްޓައި، މުހިންމު ބޭނުންތަކަށް ޑޮލަރު ބެހެއްޓުމެވެ . ވަގުތީ ގޮތުން ނަމަވެސް ޑޮލަރު ބޭރުވާ މިންވަރު ލިމިޓް ނުކޮށްފިނަމަ ކުރިއަށް އޮތްތާނގައި " ޑޮލަރުގެ ލިކުއިޑިޓީ" އަށް އިތުރަށް އަސަރުކޮށް މުހިންމު ބޭނުން ތަކަށް ޑޮލަރު ނުލިބިދާނެ ހާލަތެއް މެދުވެރިވެދާނެކަމުގެ ބިރު އޮތީ އުފެދިފަ އެވެ. ނަމަވެސް ބޭންކާއި ރައްޔިތުންނަށް ވެސް އުނދަގޫ މި ނިންމުމާއެކު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ގިނަ ބަޔަކު މި ބަދަލާއެކު ކުރަނީ އާއްމުކޮށް ތިން ސުވާލެކެވެ. ތިރީގައި އެވަނީ މި ތިން ސުވާލަށް ބޭންކުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ދީފައިވާ ތިން ޖަވާބެވެ.

މިއީ ކީއްވެގެން ގެނައި ބަދަލެއް ހެއްޔެވެ؟

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް މިވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ. ރާއްޖެ އަށް ލިބޭ ބޭރު ފައިސާގެ 80 އިންސައްތަ ހިއްސާކުރަނީ ޓޫރިޒަމުން. މިވަގުތު ހާލަތަށް ބަލާއިރު ޓޫރިޒަމް ހިނގައިގަތް ނަމަވެސް އަދިވެސް މިއޮތީ މަޑުޖެހިފަ. ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑު ތަނުން ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް މިވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފަ. ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތް ހާލަތުން ފެށިގެން ދާދި ފަހަކާ ޖެހެންދެން ކަސްޓަމަރުންގެ އެކި ބޭނުން ތަކަށް ކުރިއެކޭ އެއްގޮތަށް ބޭންކުން މި އަންނަނީ ބޭރު ފައިސާގެ މުއާމަލާތްކުރެވޭނެ މަގު ފަހިކޮށްދެމުން.

ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާ އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމާ ގުޅޭ ކަންކަމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ގޮތުން ބޭންކަށް ވެސް މިވަނީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފަ.މިއީ ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ނިންމުނު ނިންމުމެއް. މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ. މިއީ ބޭންކް އަށް ވެސް ދަތި އެހެނަސް ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް.

މި ލިމިޓް އިތުރު ކުރެވޭނީ ކޮން ހާލަތަކީ ކޮބައި ހެއްޔެވެ؟

މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހިރުފިޔާ އެކައުންޓް ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ލިންކުކޮށްފައި ހުންނަ ޑެބިޓް ކާޑުތަކަށާއި ކްރެޑިޓް ކާޑުތަކަށް. ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ. މި ގޮތުން ދުވާލަކަށް 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ. އާ ލިމިޓްތަކެއް ކަނޑައެޅިފައި ވީނަމަވެސް ތައުލީމާއި ބޭސްފަރުވާގެ ބޭނުމަށް ދައްކަންޖެހޭ ފައިސާ، ކާޑުން ދެއްކުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަގުތީ ގޮތުން މި ލިމިޓް އިތުރު ކުރެވޭނެ އިންތިޒާމް ބޭންކުން މިވަނީ ހަމަޖައްސާފަ. މިގޮތުން ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅޭ ލިޔެކިއުން ހުށަހެޅުމުން ލިމިޓް އިތުރުކޮށްދޭނެ.

މިއީ ދާއިމީ ބަދަލެއް ތަ؟

ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސާދަށް އައިސްފައިވާ ބަލިމަޑު ކަމުން އަރައިގަނެވޭނެ ވަގުތެއް ދެނެގަތުން މިވަގުތަށް މިވަނީ ދަތިވެފަ. ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގޮތުން ލިބުނު ގެއްލުން ބޮޑު. މިކަމުން އަރައި ގަނެވޭނެ މުއްދަތެއް ބުނެދޭން ދަތި. އެހެންވުމުން އަޅުގަނޑުމެންނަށް މިހާލަތުގައި ސީދާ ދުވަހެއް ދަންނަވަން ދަތި. ބޯޑަރު ހުޅުވި ނަމަވެސް ފަތުރުވެރިކަން ރަނގަޅަށް ހިނގައެއް ނުގަނޭ. އެހެންވެ ބޭރު ފައިސާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ޖެހޭ ހާލަތެއްގައި އަޅުގަނޑުމެން އަދިވެސް މިތިބީ. މިއީ ގައުމުގެ މުސްތަގުބަލް ރައްކާތެރި ގޮތެއްގައި ދެމެހެއްޓުމަށް ވަގުތީ ގޮތުން އެޅިގެން ދިޔަ ދަތި އެހެނަަސް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް. އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް ހިނގައިގަނެ، ދިވެހި އިގްތިސާދު ވީއެންމެ އަވަހަކަށް ރަނގަޅުވެގެން ދިޔުން. މިހާރުގެ ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއަކުރާނެ