ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މުދަލުގެ އަގުތައް ބޮޑުވެ ބާޒާރު ހަމައިން ނައްޓާލައިފާނެ!

ރާއްޖެއަކީ ފްރީ މާކެޓް އިކޮނޮމީ އެކެވެ. އެހެންވެ ބާޒާރުގެ އަގުތައް ކޮންޓްރޯލްކޮށް، މަތިކޮށް ހެދުމުގައި އެއްވެސް ދައުރެއް ނޯވެ އެވެ. އަގު މަތި ކުރުމާއި ބާޒާރު ހަމަ މަގަށް އެޅުވުމުގެ ފުރިހަމަ އިހުތިޔާރު އަދާ ކުރަނީ ވިޔަފާރިވެރިންނެވެ. އެކަމަކު މިހާރު ރާއްޖެއަށް ދިމާވެފައިވާ ހާލަތު އެހެން ފަހަރުތަކާ ވަރަށް ތަފާތެވެ. ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން ޓޫރިޒަމް ދަށްވުމުގެ ނަތީޖާއަކީ އިގްތިސޯދުގެ ތެރޭގައި އެނބުރޭ ޑޮލަރު މަދުވަމުން ދިއުމެވެ. މިހާރުގެ ހާލަތަކީ މި އެވެ.

ރާއްޖޭގެ ޑޮލަރުގެ މާކެޓުގެ ހަރަކާތްތެރި ކަމަށް އިއްޔެގެ ނިޔަލަށް ބަލާއިރު އާއްމުކޮށް 15.70 ގައި ހުރި ޑޮލަރުގެ އަގުތައް މިހާރު ހުރީ 16.80 ގަ އެވެ. މީގެ މާނައަކީ މުދާ އިމްޕޯޓް ކުރަން ބޭނުންވާ ޑޮލަރު ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށް ނުދީފިނަމަ، ނުވަތަ ބާޒާރުގައި އާއްމު ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ އަގުތައް ބޮޑު ވުމުގެ ފުރުސަތު އޮތުމެވެ.

އެހެންވެ މިހާރުގެ ހާލަތަށް ސަރުކާރުގެ އިންޓަވިންކޮށް ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މި ވަގުތު ސަރުކާރުން މި ކަމަށް ނުވިސްނައިފިނަމަ އަގުތައް ހަމައިން ނެއްޓި އާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް ކުރިމަތިވުމުގެ ބޮޑު ފުރުސަތު އޮންނާނެ ކަމަށް ވެސް ބެލެވެ އެވެ.

އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓޭނެތަ؟

ޑޮލަރު ލިބުން ދަތިވެއްޖެނަމަ ގައިމުވެސް ވިޔަފާރިވެރިން ޑޮލަރު ހޯދަން "އަނދިރި ބާޒާރަށް" ނުކުންނަން މަޖުބޫރު ވާނެ އެވެ. އަގު ބޮޑުކޮށް ޑޮލަރު ހޯދައިގެން މުދާ އިމްޕޯޓް ކުރުމުން މުދަލުގެ އަގު ބޮޑު ވެގެން ދާނެ އެވެ. މީގެ ހައެއްކަ އަހަރު ކުރިން ވެސް ރާއްޖެއަށް މިހާލަތު ކުރިމަތިވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ދުނިޔެއަށް އިގްތިސޯދީ ހީނަރުކަން ކުރިމަތިވެފައި ވަނިކޮށް ރާއްޖެ އަށް ބޭރު ފައިސާގެ ބޮޑު ތާށި ކަމެއް ކުރިމަތިވި އެވެ. ސަރުކާރުން އިމްޕޯޓް ޑިއުޓީ އާއި ބޭންކިން ސިސްޓަމަށް ބަދަލު ތަކެއް ގެނައި ވަގުތު ކުރިމަތިވި ޑޮލަރުގެ ތާށިކަމުގެ ސަބަބުން ޑޮލަރެއްގެ އަގު އަނދިރި ބާޒާރުގައި 20ރ. އަށް އުފުލުނެވެ.

އެ އުނދަގުލުން ސަލާމަތްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ކުންފުނި ތަކަށް މަރުކަޒީ ބޭންކުން ޑޮލަރު ފޯރުކޮށްދީ ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުންނެވެ. ރައީސް ޔާމީން އެޅުއްވި ބައެއް އެހެން ފިޔަވަޅުތަކާއެކު ޑޮލަރުގެ ކަޅު ބާޒާރުގެ ބާރު ގެއްލިގެން ދިޔަ އެވެ.

މިހާރު އަޅަން ޖެހެނީ ވެސް މި ފަދަ ފިޔަވަޅެކެވެ. މިހާރު ކުރަން ޖެހޭ ކަމަކީ މެއިން އެކްސްޕޯޓަރުން ނަށް ޑޮލަރު ލިބޭނެ ފަސޭހަ ގޮތެއް ހޯދައި ދިނުމެވެ. އެކްސްޕޯޓް ކުރާ މެއިން ކުންފުނި ތަކަށް ޑޮލަރު ފޯރު ކޮށްދެއްވިއްޖެނަމަ މުދަލުގެ އަގު ބޮޑުނުވެ ހިފަހައްޓާލެވިދާނެ އެވެ. އެކަމަކު ޑޮލަރު ނުދެވިއްޖެނަމަ މުދަލުގެ އަގު ބޮޑު ވުމުގެ ފުރުސަތު އޮންނާނެ އެވެ. މި ބަދަލު ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފެންނަން ފަށާނެ އެވެ.

އިމްޕޯޓު ދަށްވިއަސް އަގު ބޮޑު ކޮށްފާނެ

ރާއްޖޭގެ އިމްޕޯޓުގެ ބޮޑު ބަޔަކީ ތެލެވެ އެވެ. އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ތެޔޮ ގެންނާށެވެ. ތެލުގެ ބޮޑު ބައެއް ބޭނުން ކުރަނީ އާއްމުންނަށް ވުރެ ބޮޑަށް ރިސޯޓު ތަކުންނެވެ. އަދި ކާބޯތަކެތީގެ އިމްޕޯޓުގެ ބޮޑު ބައެއް ވެސް ބޭނުން ކުރަނީ ޓޫރިޒަމް ދާއިރާ އިންނެވެ. ހާއްސަކޮށް ރާއްޖޭގެ 155 ރިސޯޓުންނެވެ. ރާއްޖެ 188 ރަށުގައި މީހުން އުޅުނު ނަމަވެސް މި ރަށްރަށުގައި ތެޔޮ ބޭނުން ކުރާ މިންވަރާއި ކެއުންތައް ބޭނުން ކުރާ ވަރަށް ވުރެ އެތަށް ގުނަ އިތުރަށް ޓޫރިޒަމް ސެކްޓާގައި ބޭނުން ކުރެ އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ޓޫރިޒަމް އިންތިހާއަށް ހީނަރުވަމުން ދާތީ ގިނަ ރިސޯޓުތައް ކުރިއަށް އޮތް މަހެއްގެ ތެރޭ "ސްކޭލް ޑައުން" ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ގެސްޓްހައުސް ސިނާއަތާއެކު ރަށް ރަށުގައި އުފެދިފައިވާ ބޮޑު ޓްރާންސްޕޯޓް ލިންކް ވެސް ހުއްޓިގެން ދާނެ އެވެ. ސްޕީޑް ލޯންޗުގެ ވިއުގަ ހުއްޓޭނެ އެވެ. އެހެންވެ ބެލެވޭ ގޮތުގައި ތެލުގެ ޑިމާންޑް ބޮޑެއް ނުވާނެ އެވެ. އެހެންވެ އިމްޕޯޓް ދަށް ވެގެން ދާނެ އެވެ.

މިހާލަތު މިގޮތަށް އޮތް ނަމަވެސް ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކު އުޅޭނެ އެވެ. އެހެންވެ، ސަރުކާރުން ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން މިކަމަށް ސަމާލުވެ ފާރަވެރިވެ ތިބެން ޖެހެ އެވެ. އެހެންނޫންނަމަ ރައްޔިތުންގެ އަތްމަތި އެންމެ ދަތިވި ވަގުތު މުދާ އަގު ބޮޑުވުމުގެ ތަކުލީފު ރައްޔިތުންނާ ހަމަ އަށް ފޯރުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫނެވެ.