އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ އެ މުޒާހަރާގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހަމަ ނުޖެހުން ހިންގުމަށް ރޭވުމުން އެކަމުގައި ބައިވެރިނުވާން ހުރިހާ ފަރާތްތަކަށް ކުރިން އަނގާފައިވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަޅުތާލިު ކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަން ސަސްޕެންޑު ކުރެވިފައިވާތީ އެ ފުރުސަތު ނުދޭން ވެސް އޮތީ ނިންމާފައި ކަމަށެވެ.
އެހެން ނަމަވެސް ބައެއް ސިޔާސސީ ފަރާތްތަކުން އިސްވެ ތިބެ ހަމަނުޖެހުން ހިންގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަލަބޮލި ކުރުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށާއި އެއްވުން ކަވަރު ކުރަމުން ދިޔަ ނޫސްވެރިންގެ އަމަލުތައް ވެސް ހުރީ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
"..އެހެންކަމުން އެއްވެސް ފަރާތަކުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި އެފަދަ ހަރަކާތްތަކުގައި ނޫސްވެރިންްގެ އަހުލާގީ މިންގަނޑުތައް ހިފަހައްޓައި ޕްރޮފެޝިނަލް ކަމާއެކު މަސައްކަތް ކުރަން މި ފުރުސަތުގައި އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނެފައިވާ އިރު ރޭ ފުލުހުން ވަނީ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިން މުޒާހަރާއާ ވީހާވެސް ދުރަށް ޖެއްސުމަށް މަސައްކަތް ކޮށްފަ އެވެ. އެކަން ކުރުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ނޫސްވެރިންގެ މޫނަށް ފުލުހުން ވަނީ ޕެޕާ ސުޕްރޭވެސް ޖަހާފަ އެވެ. އޭގެ ސަބަބުން ބައެއް ނޫސްވެރިންނަށް ރޭ ވަނީ އޭޑީކޭ އިން ފަރުވާ ވެސް ދީފަ އެވެ. އަދި މިކަމުގެ ތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ އެޑީކޭގައި ފަރުވާވެސް ދޭން ޖެހުނެވެ.