ކުޅިވަރު

ދިވެހި ކުޅިވަރު ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ކުޅިވަރު ލެޖެންޑް ސައްޔިދު ހަސަން މިއަދު އަވަހާރަ ވެއްޖެ އެވެ.

އޭނާ އަވާހަރަވީ، މިރޭގެ ވަގުތެއްގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި އާލާސްކަންފުޅަށް ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

ސައްޔިދު ހަސަން އަކީ، އޭރު ރާއްޖޭގައި ކުޅުނު ހުރިހާ ކުޅިވަރެއްގައި ކާމިޔާބު ހޯއްދެވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ކުޅިވަރުގެ ޓީމެއް ރާއްޖެއިން ބޭރުގައި ވާދަ ކުރަން ދިޔައީ ގައުމީ ފިރިހެން ޓޭބަލްޓެނިސް ޓީމެވެ. ޗައިނާގައި އޮތް މުބާރާތަކަށް ދިޔަ ޓީޓީ ޓީމުގައި ސައްޔިދު ހަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެއީ 1973 ވަނަ އަހަރެވެ. އެ މުބާރާތުގައި ކުވައިތުގެ ޓީޓީ ޓީމާ ދެކޮޅަށް ކުޅެ ދިވެހި ޓީމުން ކާމިޔާބު ހޯދި އެވެ.

ސައްޔިދު ހަސަން އަކީ ކުޅުނު ހުރިހާ ކުޅިވަރެއްގައި ގައުމީ ޗެމްޕިއަނެކެވެ. ފުޓްބޯޅަ އާއި ޓީޓީ، ހޮކީ، ބައިސްކަލް ރޭސް، ޓެނިސް، އަދި ވޮލީ ކުޅުއްވެވި ބޭފުޅެކެވެ. ފުޓްބޯޅައިގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި، މޫން ސްޕޯޓްސް ކުލަބުގެ އިތުރުން ލަޔަންސްއަށް ކުޅުއްވި އެވެ.

ސައްޔިދު ހަސަންގެ ކޮއްކޮ އަދި ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރު ނިއުގެ މިހާރުގެ ވައިސް ޗެއާމަން ސައްޔިދު އަލީ އިންޑިއާގައި ހުންނަވާ އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސައްޔިދު ހަސަން އަވާހަރަވީ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު ކަމަށެވެ.