ހަބަރު

އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސް: ވަކީލް

ދިގު މުއްދަތަކަށް ޖަލައްލާފައި ހުންނެވި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބްގެ ސިއްހީ ހާލުކޮޅު ވަރަށް ސީރިއަސް ކަމަށް އަދީބުގެ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ. ސިރާޖް މިއަދު ވަނީ ގިނަ ދުވަސްތަކަކަށްފަހު އަދީބާ ބައްދަލުކުރައްވާފަ އެވެ.

ދޫނިދޫ ޖަލުގައި މިވަގުތު ހުންނެވި އަދީބުގެ ހާލުކޮޅު ދަށް ކަމަށް ވިދާޅުވެ އޭނާގެ ވަކީލް މިއަދު ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ ދާދިފަހުން މާފުށީ ޖަލުގައި ހުންނަވަނިކޮށް ހޭފުޅު ނެތިގެން އަދީބު ވެއްޓިވަޑައިގަތް ކަމަށް ބުނެ ދެކެވުނު ވާހަކައަކީވެސް ތެދު ވާހަކައެއް ކަމަށް އަދީބު މިއަދު ވިދާޅުވި ކަމަށެވެ. މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިފަހުން އަދީބާ އޭނާގެ ވަކީލް ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

އަދީބުގެ ހާލުކޮޅު ދަށް ކަމަށް ސިރާޖު ވިދާޅުވެފައިވާއިރު އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ މިދިޔަ ހުކުރުދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

އެ ލިޔުމަކީ މި މަހުގެ އެއްވަނަ ދުވަހު އައި ކެއާއަށް އަދީބު ދެއްކުމުން ދީފައިވާ ލިޔުމެކެވެ. އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ގޮތުން، ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދައްކަން ވަނީ އަންގާފަ އެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގުލައުކޯމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.

އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.