އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
ދެންމެ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހުރި މައްސަލަތައް ހިއްސާކުރައްވާފައި ކަމަށް ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ނަޝީދު ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތީ އެ ބޭފުޅުން މިނިވަންކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ އެގައުމުގެ އަސްކަރީ އެހީތެރިކަމަށް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.
ޑިފެންސް މިނިސްޓަރާއެކު ދެއްކެވި ވާހަކަފުޅުގެ ތަފްސީލެއް ނަޝީދު ހާމައެއް ނުކުރައްވަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ނަޝީދު މިއަދު ބައްދަލުކުރައްވާފައިވާއިރު، ނަޝީދު ގެންދަވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އިންޑިއާގެ ނޫސްތަކަށް ވެސް މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ދަ ހިންދޫ ނޫހުން އިންޑިއާގެ ބޭއްވި ދަ ހަޑުލް ކޮންފަރެސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދެނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އައުމަށް ނޫން ކަމަށާއި އެކަމަކު އަސްކަރިއްޔާގެ ތާއީދާއި މަދަދު އޮތް އިންޑިއާގެ ހާއްސަމަންދޫބެއް ރާއްޖެ ވަޑައިގެން ކަންކަން އިސްލާހު ކުރެއްވުން ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމަށް ރައީސް ޔާމީންއަށް އޭރުން މަޖުބޫރު ވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.