ހަބަރު

މިނިސްޓަރުން އދ އަށް: މިތިބީ ޖަވާބުދޭން ތައްޔާރަށް

Feb 18, 2018
2

އދ އިން ރާއްޖެ ވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނަށް ސަރުކާރުގެ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ވަފްދުގެ ފަރާތުން އަންނަ ސުވާލުތަކަށް ޖަވާބުދެއްވަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ސަރުކާރުގެ މިނިސްޓަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުންގެ ޓީމަކުން މިއަދު ވަނީ ރާއްޖޭގައި ތިއްބަވާ އދ ގެ ދެ މަންދޫބަކާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެބޭފުޅުން މިއަދު ބައްދަލުކުރައްވާފައިވަނީ އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ޝޯކޯ ނޯޑާއާއި އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މޯނާ ރިޝްމަވީއާ އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓަރުންގެ ބައްދަލުކުރެއްވުމުގައި، އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރާއި އެ އަމުރުގައިވާ ކަންތައްތަކާއި އެއާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅޭ މައުލޫމާތުތައް އދ ގެ ދެ މަންދޫބުންނަށް މިނިސްޓަރުން ކިޔައިދެއްވި ކަމަށެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ގޮތުން އަޅަންޖެހުނު އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ބައެއް ކުށްތަކާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރަމުންދާތީ ބައެއް ގާނޫނުތަކާއި ލިބިދޭ ހައްގުތައް ހިފަހައްޓާފައިވީ ނަމަވެސް އެހެން ހުރިހާ ކަމެއްގައި ދިވެހި ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނާ ހަމަތަކުގެ ތެރެއިން ކަމަށް މިނިސްޓަރުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ވެސް ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖެއާމެދު ސާބިތު ނުހިފޭ ވާހަކަތައް ދައްކަމުންދާ ކަމަށްބުނެ އެކަމާމެދު އެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތިއްބަވާ އދގެ މަންދޫބުންނާ ސަރުކާރުގެ މިނިސްޓަރުން ބައްދަލުކޮށްފައިވާއިރު ރާއްޖެއާއެކު ވަރަށް އަވަހަށް މަޝްވަރާ ފަށާނެ ކަމަށް އދ އިން ވަނީ ބުނެފަ އެވެ.

އދ ގެ މަންދޫބުންނާ މިއަދު ބައްދަލުކުރެއްވި ޓީމުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކުގެ ވަޒީރުން ބައިވެރިވެވަދައިގެންނެވި އެވެ.