ހަބަރު

އަމުރުން ގޮނޑި ނުގެއްލޭ، 12 މެންބަރުން ވެސް މަޖިލީހަށް ދާނެ: އިދިކޮޅު

Feb 19, 2018
7

މީގެ ކުރިން ޕާޓީ ބަދަލުކުރި އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުން ހާމަވާތީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ހުރިހާ މެންބަރުން ބައިވެރިކުރުވަންޖެހޭ ކަމަށް އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހެއް މާދަމާގެ ހެނދުނަށް ތާވަލުކޮށްފައިވަނިކޮށް މިއަދު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓްގެ އިއްތިފާގުން ނެރެފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރަން އަންގާފަ އެވެ.

މ ކުނޫޒްގައި އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓުން މިހާތަނަށް ކުރި އެއްވެސް އަމުރެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި ނުވާތީއާއި މިއަދު އެ ކޯޓުން ނެރުނު އަމުރުގައި ވެސް އެގޮތަށް ކަނޑައަޅާފައި ނުވާތީ މިހާތަނަށް އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށެވެ. އޭގެ އިތުރުން މިހާރު ތިއްބެވި މެމްބަރުންނާއެކު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވާއިރު މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށާއި އެހެންކަމުން ދައުރުން ބޭރުގައި ބާއްވާ އެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ވަޑައިގަތުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދީގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަންކަން ފުރިހަމަ ނުކުރެއްވޭނެތީ ނެރުއްވި އަމުރެއް ކަމަށެވެ. އެހެން ނަމަވެސް އެ އަމުރުން މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައި ނުވާތީއާއެކު މާދަމާގެ ޖަލްސާއަށް ހުރިހާ މެންބަރުންވެސް ދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި މެންބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި ހުރަސް އަޅަންޖެހޭނީ ގާނޫނުގެ ބޭރުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓު ހިމެނެނީ އުއްތަމަ ފަނޑިޔާރާއެކު ކަމަށް ވާއިރު ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް، ތިން ފަނޑިޔާރުން އަލުން ބަދަލުކޮށް ނެރުމާއި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖަލަށްލައި، ސަރުކާރުން ބޭނުން ގޮތަކަށް އަމުރުތައް ނެރޭތީ ކަންބޮޑުވާ ކަމަށެވެ.

މިއަދު ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅުން ކުރިއަށްގެންދަން ރާވާފައިވާ އެއްވެސް ކަމަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ބޮޑު މުޒާހަރާވެސް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ދަތިތަކާ ގުޅިގެން އިދިކޮޅުން ކުރަން ނިންމާފައިވާ އެއްވެސް ކަމެއް މި އަމުރާ ގުޅިގެން މަޑެއް ނުޖެހޭނެ. ކަނޑައެޅިފައިވާ ދުވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޮޑު މުޒާހަރާ ވެސް ބާއްވާނަން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ސުޕްރީމްކޯޓުން މިއަދު ނެރުނު އަމުރު ދިރާސާކޮށް އެ މައްސަލައިގެ ތެެރެއަށް ވަނުމަށް އެބޭފުޅުންގެ ވަކީލުން މަސައްކަތްކުރައްވާނެ ކަމަށެވެ.