ހަބަރު

12 މެންބަރުންނަށް ދިން ދައުވަތު އަނބުރާ ގެނެސްފި

Feb 19, 2018

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެންބަރުންނަށް މާދަމާގެ ޖަލްސާއަށް ދާން ދައުވަތު ދިން ނަމަވެސް މަޖިލީހުގެ އިދާރާއިން އެ ދައުވަތު ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން މިއަދު އިއުލާން ކުރި ފަހުން ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވާ ބަޔަށް އަމަލު ކުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އެދުމުގެ މަތިން ފަސްކޮށްފައިވާ ކަމަށެވެ. އަނިލް އެދިވަޑައިގެންފައި ވަނީ އަމުރުގައިވާ އެބައި ބާތިލްކޮށްދިނުމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ބުނެފައިވާ މެންބަރުން ވިދާޅުވީ އެ އަމުރާ ގުޅިގެން ކަމަށް ބުނެ މަޖިލީހުގެ ޖަލްސާއަށް އައުމަށް އިދާރާއިން ފޮނުވި އެސްއެމްއެސްއަނބުރާ ގެންދަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިހާރު އަންގާފައިވާ ކަމަށެވެ.

މާދަމާގެ ޖަލްސާގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ބަހުސްކުރުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ދަންމާނެތޯ މާދަމާގެ ޖަލްސާގައި ނިންމާނެ އެވެ.