ދުނިޔެ

ސޫދާނުގެ ސިޔާސީ ގައިދީންތަކެއް މިނިވަންކޮށްފި

ސޫދާނުގެ ވެރިރަށް ޚަރުތޫމްގެ ޖަލެއްގައި ތިބި ސިޔާސީ ގައިދީންގެ ތެރެއިން 40 މީހަކު ރޭގައި މިނިވަން ކޮށްފި އެވެ.

ސޫދާނު ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ގައިދީންގެ ތެރެއިން 80 މީހަކު މިނިވަން ކުރާނެ ކަމަށެވެ. އެ ގައުމުން މި ފިޔަވަޅު އަޅާގައި މިވަނީ ސެކިއުރިޓީ ޗީފަކަށް އާ ބެފުޅަކު ހަމަޖެއްސިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޚަރުތޫމްގައި ހުރި ރޮއިޓާސްގެ ރިޕޯޓަރާ ހަވާލާދީ އެ އެޖެންސީން ބުނީ ރޭގައި ދޫކޮށްލި 40 މީހުންގެ ތެރޭގައި އެގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނިވަޑައިނުގަންނަވާ ކަމަށެެވެ. ނަމަވެސް ސޫދާނުގެ ރައީސް އުމަރު ހަސަން އަލް ބަޝީރުގެ އެޑްވައިޒަރަކު ކުރިން ހާމަކުރައްވާފައި ވަނީ 80 ގައިދީއަކުމިނިވަން ކުރަން ރައީސް އަމުރުކުރައްވާފައިވާ ކަމަށެވެ.

މިނިވަން ކުރަން އަލް ބަޝީރު އެންގެވި އެންމެންނަކީ ވެސް ތަކެތީގެ އަގު ބޮޑުވުމާއި އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރާ ދެކޮޅަށް މިދިޔަ ޖެނުއަރީމަހު ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުު ކުރި މީހުންނެވެ. އެމީހުން ހައްޔަރު ކުރީ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމުންނެވެ. އެމީހުންގެ ތެރެއިން 40 މީހަކު ދޫކޮށްލުމުން ޚަރުތޫމްގައި އެމީހުންގެ އާއިލާތަކުން ވަނީ އުފާފާޅުކޮށްފައެވެ.

ނަމަވެސް ރެއާ ހަމައަށް މިނިވަން ނުވެ ތިބި މީހުން މިނިވަން ކުރުމަށް ގޮވާލައި ބައެއް މީހުން ވަނީ ޖަލުގެ ކައިރިއަށް އެއްވެފައެވެ. ޖަލުގެ ކައިރިއަށް އެއްވި މީހުން އެތަނުގައި އިށީނުމަށް ފަހު ބުނަމުން ގޮސްފައި ވަނީ އެމީހުންގެ އާއިލާަގެ މެމްބަރުން މިނިވަން ނުވަނީސް އެނބުރި ނުދާނެ ކަމަށެވެ.

ސޫދާނުގެ އިގުތިސާދަށް ބޮޑެތި މައްސަލަތައް ކުރިމަތިވީ އެގައުމުގެ ތެލުގެ ވަސީލަތްތައް އެންމެ ގިނަ ސަރަހައްދު އެގައުމުން ވަކިކޮށް ދެކުނު ސޫދާނުގެ ނަމުގައި އާ ދައުލަތެއް އުފެއްދުމުންނެވެ.

ސޫދާނުގެ ރައީސް އުމަަރު އަލް ބަޝީރު އެގައުމުގެ ވެރިކަމުގައި ހުންނަވާތާ މިހާރު 29 އަހަރު ވެއްޖެއެވެ. އޭނާއާ ދެކޮޅަށް އަޑު އުފުލާ މީހުން ޖަލަށް ލައި އަނިޔާ ކުރުން ފަދަ ތުހުމަތުތައް ބަޝީރުގެ އިސްތަށިފުޅުގައި އެޅިފައި ވެއެވެ. އަދި ސޫދާނުގެ ދާރުފޫރު ސަރަހައްދުގައި ހިނގައި ދިޔަ ގަތުލުއާއްމުތަކާ ގުޅިގެން ބަޝީރު ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަަލް ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ.