ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބައެއް ގާނޫންތައް ހިފެހެއްޓުމުގެ ބާރު ރައީސް އަބްދުﷲ ޔާމީންއަށް ލިބިފައިވީ ނަމަވެސް އަދުލް އިންސާފުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ރައީސް އަބްދުﷲ ޔަމީންއަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަސް ގާނޫނީ ގޮތުން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެ ގަރާރުގައި އަދުލް އިންސާފުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރާ ގުޅުން ހުރި ބައެއް މާއްދާތައް ވެސް ހިފަހައްޓާގައިވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ވެސް އެ މަޖިލީހަށާއި އަދުލް އިންސާފުގެ ބާރަށް ލިބިފައިވާ ބާރުތައް ހިފެހެއްޓިދާނެ ކަމަކަށް ގާނޫނީ ގޮތުން ފަސޭހައިން ދެންނެވިދާނެ ވާހަކައެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ އެކު ރައީސް ހިފަހައްޓާފައިވާ ގާނޫން އަސާސީގެ 99، 101، 113، އަދި 228 ވަނަ މާއްދާ ނަޝީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ މާއްދާތަކާ ދޭތެރޭގައި ކޮމިޓީގައި ދެވަނަ ނަޒަރަކުން ވިސްނާ އެ މާއްދާތަކާ ނުލާ ގަރާރު ފާސް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބައޮތް ބާރު 257 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ގަރާރެއް އެ އޮތް ގޮތަށް ފާސް ކުރަން ނުވަތަ އޭގެން ބައެއް ފާސް ކުރަން، ގަރާރަށް އިސްލާހު ނުގެނެވޭ ނަމަވެސް އެ ގަރާރުގެ ބައިތަކެއް ވަކިން ފާސްކޮށް އެ ބައިތައް ވަކިން ފާސް ކުރެވިދާނެ، އަދި މަޖިލީހުން ފާސް ކުރަން ޖެހޭ ކޮންމެ އެއްޗެއް އެ އޮތް ގޮތަށް ފާސް ކުރުން ނުވަތަ އެއަށް ބަދަލު ގެނެސްގެން ފާސް ކުރުން ނުވަތަ އެ ބާތިލު ކުރަން ވެސް މަޖިލީހަށް ބާރު ލިބޭ،" ނަޝީދު ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއެކު ގާނޫން އަސާސީގެ 20 މާއްދާ ހިފަހައްޓާފައިވާ އިރު، ނަޝީދު ފާހަގަ ކުރެއްވި މާއްދާތަކަކީ ސީދާ މަޖިލީހާއި ކޯޓުތަކާ ގުޅުން ހުރި މާއްދާތަކެވެ. އެގޮތުން މަޖިލީހަށް މީހުން ހާޒިރު ކުރުމާއި، އިތުބާރު ނެތް މައްސަލަތައް ވެއްދުމާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅޭ މާއްދާތަކެވެ.