ރައްޔިތުންގެ މަޖިލީހަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ހުށަހަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރަން ގާނޫނު އަސާސީގައި ބުނެފައިވާ މިންވަރަށް ވޯޓު ހަމަވެފައި ނުވާ ކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހަލަތުގެ ގަރާރާއި އެ ހާލަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް މަޖިލީހަށް މިއަދު ހުށަހެޅިގެން ދިޔަ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ނެގި ވޯޓުގައި އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ މަޖިލީހަށް އެ ވަގުތު ތިއްބެވި، 38 މެންބަރުންނެވެ. އަދި އިދިކޮޅު މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
އެކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަަހުލޫފް ވިދާޅުވީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ އެއްވެސް ކަމެއް މަޖީލުހުން ފާސް ކުރަން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިބެގެން ކަމަށެވެ. އެއީ މަޖިލީސް މިހާރު އެތުރިފައި އޮތް ގޮތަށް ބަލާއިރު 43 މެންބަރުންނާއެކު ބާއްވާ ޖަލްސާއެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ނަމަވެސް ޖަލްސާ ބާއްވައި އެ ގަރާރު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވާ އިރު އެ ޖަލްސާގައި ބައިވެރިވީ ސަރުކާރުގެ ކޯލިޝަންގެ 39 މެންބަރުން އެވެ. އެހެންކަމުން އެ ގަރާރު ސައްހަކަން ނުވަތަ ނޫންކަން ނިންމަން ވެސް ސަރުކާރަށް މެންބަރުން ލިބޭނީ އެ އަދަދަށް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީއާ އެއްގޮތަށް މަޖިލިސް ގެންދާ ނަމަ އެސްއޯއީގެ ގަރާރު އިތުރު ކުރަން ފާސްވުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފްގެ އިތުރުން އިދިކޮޅު އިތުރު މެންބަރުންތައް ވެސް ސޯޝަލް މިޑިއާގައި އަންނަނީ އެ ގަރާރާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން މިއަދު ކޮމިޓީއަށް ފޮނުވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހޭ މިންވަރަށް މަޖިލީހުގައި މެންބަރުން ސަރުކާރަށް ހަމަނުކުރެވޭނެ ކަމަށް އެ މެންބަރުން އަންނަނީ ބުނަމުން އެވެ.