ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާ މެންބަރުން ތިބީ ގައުމަށް ގައްދާރުވެފައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ސަރުކާރު މެންބަރުން ފާޑު ވިދާޅުވެއްޖެ އެވެ.
އެ ގަރާރު ހުށަހެޅުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ ސަރުކާރުގެ ތަމްސީލު ކުރާ 39 މެންބަރުންނެވެ. އަދި އިދިކޮޅު ހުރިހާ މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އެކަމަށް އިޝާރަތް ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިއަދުގެ ހާއްސަ ޖަލްސާއަކީ ގައުމުގެ ހާލަތު ފުރޮލިގެން ދިޔަ ގޮތުން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ގާނޫން އަސާސީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއީ ދައުލަތައްޓަކައި މަޖިލީހުގެ މެންބަރުން ކޮންމެހެންވެސް ބައިވެރިވާން ޖެހޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް ދާއިރާތައް ތަމްސީލު ކުރުމަށް ރައްޔިތުން ފޮނުވި ބައެއް މެންބަރުން އެ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި އެއީ ރައްޔިތުން ހަލުގައި ޖެހުނު ދުވަހު ދޫކޮށް ދިޔުން ކަމަށް ނިހާން ވިދާޅުވި އެވެ.
"ނިންމަން މިހެޖެހެނީ ދުސްތޫރުގައި ބަޔާން ކުރާ ކަމެއް، ރައީސް މި ކުރައްވަނީ އެމަނިކުފާނު އަމިއްލައަށް ކުރައްވާ ކަމެއް ނޫން،، އެއީ ގާނޫން އަސާސީގައި މިކަން ކުރަން އޮތް ކަމެއް،" ނިހާން ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ފަނޑިޔާރުގެ ބޭނުންކޮށްގެން ބަޣާވާތެއް ގެންނަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށާއި އެ ދީނާއި ގައުމިއްޔަތު ދިފާރު ކުރުމަށް އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އެގޮތުން އެ ގައްދާރުންނާ ދެކޮޅަށް ނުކުތުމަށް ދާއިރާތަކުން ގޮވާލާއިރު މިއަދު ނަގާ ވޯޓުގައި ބައިވެރިނުވާ ހުރިހާ މެންބަރުންނަކީ ސީދާ ގައުމަށް ގައްދާރުވާ މެންބަރުންނަށް ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.
"ގައުމު ސަލާމަތް ކުރުމުގެ ފުރުސަތު މިއަދު މި އޮތީ އަޅުގަނޑުމެންގެ އަތުގައި، ގައުމު ސަލާމަތް ކުރުމުގެ މަގްސަދުގައި ރައިސުލްޖުމްހޫރިއްޔަ ވަރަށް ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކަންކަން ހައްލު ކުރުމަށް އެ ކުރެއްވަމުން ގެންދަވާ ގައުމީ ޖަހާދަށް މެންބަރުން އެހީތެރިވެދޭން ޖެހޭ ވަގުތު، ބޭރުގައި ތިބި މެންބަރުންނަށް ވެސް ގޮވާލަން ވޯޓުގައި ބައިވެރިވެ ގައުމަށް ހުރި ވާފާތެރިކަން ހުރި މިންވަރު ހާމަކޮށްދެވޭނެ ފުރުސަތު،" އަބްދުﷲ ރިފާއު ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުން ބައެއް ޕީޕީއެމްގެ މެންބަރުން މަޖިލީހަށް ހޮވާފައިވާ ކަމަށާއި ނަމަވެސް އެއާ ހިލާވެ އެ މެންބަރުން ގައްދާރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން މަޖީހާއި ކޯޓުތަކުގައި ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ އަޅަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިނުވާ އިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ނުކުރެވޭނެ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި 43 މެންބަރުން ހަމަވާން ޖެހޭ އިރު އެ އަދަދު ހަމަ ނުވުމުން ވޯޓަށް ނޭހޭނެ ކަމަށް އެ މެންބަރުން އަންނަނީ ބުނަމުންނެވެ.