ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ލީޑްރޯލުން ފެނިގެންދާ "ބާޣީ 2" ރިލީޒްކުރުމަށް މަހެއްހާ ދުވަސް އޮއްވާ އެ ސިލްސިލާގެ ތިން ވަނަ ފިލްމު އުފައްދާކަން އިއްޔެ އިއުލާންކޮށްފި އެވެ.
ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ "ބާޣީ" ސިލްސިލާގެ ތިން ވަނަ ފިލްމުގެ ވެސް ލީޑްރޯލުން ފެނިގެންދާނީ މި ސިލްސިލާގެ ދެ ފިލްމުން ފެނިގެން ގޮސްފައިވާ ޓައިގާ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ޓައިގާ ލީޑްރޯލުން ފެނިގެންދާ "ބާޣީ 3" ވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިލްމު ޑައިރެކްޓްކުރި އަހްމަދު ޚާން އެވެ. ފިލްމުތައް ޑައިރެކްޓްކުރަން ފެށުމުގެ ކުރިން އަހްމަދަކީ ކޮރިއޮގްރާފަރަކެވެ.
އަހުމަދު ވަނީ ޓައިގާ ބޮލީވުޑަށް ނިކުތް ފިލްމު "ހީރޯޕަންތީ" އާއި "މުންނާ މިޝެއިލް" ވެސް ޑައިރެކްޓްކޮށްފަ އެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ޓައިގާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
މި ސިލްސިލާގެ ފުރަތަމަ ފިލްމެއް ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފިލްމުގެ ލީޑްރޯލުން ޓައިގާ އާއެކު ފެނިގެން ގޮސްފައިވަނީ ޝްރަދާ ކަޕޫރެވެ. އަދި ދެވަނަ ފިލްމުގައި ޓައިގާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ މިހާރުގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ.
ޓައިގާގެ ތަފާތު މޮޅު އެކްޝަން މަންޒަރުތައް ފެނިގެންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.