ހަބަރު

ޕީޕީއެމްގެ އެމްޕީ އަލީ ފަޒާދު މިއަދުގެ ޖަލްސާގައި ބައިވެރި ނުވޭ

Feb 19, 2018
2

ސަރުކާރު ކޯލިޝަންގެ ހުރިހާ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އަންނަން އަންގާފައި އޮތް ނަމަވެސް، އެ ޕާޓީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިއަދުގެ ޖަލްސާއަށް ހާޒިރު ނުވާކަން ހާމަވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 15 ދުވަސް އިތުރުކޮށް 30 ދުވަހަށް ދަމާލުމަށް ރައީސް ހުށަހެޅުއްވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވާފައި ވަނީ ސަރުކާރު ކޯލިޝަންގެ 38 މެންބަރުން އެކަނި ވޯޓު ދެއްވައިގެން އެވެ. އިދިކޮޅު ހުރިހާ މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ. އަދި މަޖިލިސް ބޭއްވީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ބުނެފައިވާ 12 މެންބަރުން ވެސް މިއަދުގެ ޖަލްސާއަށް ނުވައްދަ އެވެ.

މިއަދުގެ ޖަލްސާ ހުރިހާ މެންބަރުން ވެސް ހާޒިރުވާން އަންގާފައިވީ ނަމަވެސް އަލީ ފަޒާދު ޖަލްސާއަށް ހާޒިރު ނުވި ސަބަބެއް ނޭނގެ އެވެ. އަދި ސަރުކާރު ކޯލިޝަންގެ ތެރެއިން ޖަލްސާއަށް ހާޒިރުވެ ވަޑައިނުގަންނަވަނީ ވެސް އޭނާ އެކަނި ކަން މަޖިލީހުގެ އިދާރާއިން އާންމުކުރި ވޯޓިން ތަފްސީލްތަކުން އެނގެ އެވެ.

އެކި މަސްދަރުތަކުން "އަވަސް" އަށް ބުނި ގޮތުގައި ފަޒާދުގެ ބައްޕާފުޅުގެ ސިއްހީ ހާލަތު ގޯސްވެ އޭނާ ހުންނެވީ، ސްރީލަންކާއަށް ވަޑައިގެން އެވެ. ވަޑައިގެން ފަހުން ދުވަސްކޮޅަށް ވެއްޖެ ކަމަށް ވެސް ބުންޏެވެ. ބައެއް ޕީޕީއެމްގެ މެންބަރުން ވިދާޅުވީ ފަޒާދުއަށް ވަޑައި ނުގެންނެވުނީ އެހެންވެ ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަޑައިނުގެން ސަބަބެއް ޔަގީނުން ދަންނަވަން ނޭނގޭ ކަމަށް ޕީޕީއެމް ކޯލިޝަން މެންބަރުން ވިދާޅުވި އެވެ. އެހެން ނަމަވެސް، މިކަމާ ގުޅިގެން ފަޒާދުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވެސް މިކަމާ މެދު އެއްޗެއް ނުބުންޏެވެ.

އަލީ ފަޒާދު މަޖިލީހަށް ވަޑައިގެން ނަމަ، ސަރުކާރަށް 39 ވޯޓް ހަމަކުރެވޭނެ އެވެ. އަދި މޫސާ މަނިކު ރިޔާސަތު ނުބަލަހައްޓާ ނަމަ 40 ވޯޓް ސަރުކާރަށް ހަމަ ކުރެވޭނެ އެވެ. އެކަމަކު 43 ވޯޓް ހަމަ ކުރަން ޖެހެ އެވެ. ފުވައްމަލަކު ދެކުނު ދާއިރާގެ މެންބަރު ޝާހު ވެސް މި ފަހުން ވަނީ މަޖިލީހުުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ފަހު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަންވަން ފައްޓަވައިފަ އެވެ. އަދި އޭނާ ވަނީ ޕީޕީއެމް އިން ވެސް ވަކިވެ ވަޑައިގެންފަ އެވެ.

އަލީ ފަޒާދު މިއަދު މަޖިލީހަށް ވަޑައިނުގެންނެވުމުން އޭނާ ނިސްބަތްވާ ދާއިރާގެ ބައެއް ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔަމުން އެވެ. އެފަދަ މީހުން ބުނަނީ ޣައިރު ގާނޫނީ ޖަލްސާއަކަށް ވަޑައިނުގެންނެވުމަކީ ފަޒާދު އެޅުއްވި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ އެއްވެސް ކަމެއް މަޖީލުހުން ފާސް ކުރަން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިބެގެން ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބުނާ ކަމަށެވެ. މަޖިލީސް މިހާރު އެތުރިފައި އޮތް ގޮތަށް ބަލާއިރު 43 މެންބަރުންނާއެކު ބާއްވާ ޖަލްސާއަކުން ނޫން ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރެވޭނެ ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ވިދާޅުވަމުން އެވެ. އިދިކޮޅުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފަ އެވެ.