މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ފިރިހެން ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލު (ފާއީ) އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އަޔާނީ މޫސާ ކަލީމް ހޯދައިފި އެވެ.
ސިންގަލް އޯޕަން ފައިނަލުގައި ފާއީ އާ ވާދަ ކުރީ އަހްމަދު ސާއީ ވަހީދެވެ. ފައިނަލު މެޗު ފާއީ ކާމިޔާބު ކުރީ 6-3 އަދި 6-0 ން ނެވެ.
އަންހެން ސިންގަލްސް އޯޕަންގައި، ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އަދި ގައުމީ ކްރިކެޓް ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަން މޫސާ ކަލީމްގެ ދަރިފުޅު އަޔާނީ ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި އާމިނަތު މަލީލާ ސޯލިހްއާ ވާދަ ކޮށެވެ.
ފާއީ އާއި އަޔާނީ ވަނީ މިކްސް ޑަބަލްސްގެ ބައިގައި ވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. ޑަބަލްސް ޗެމްޕިއަންކަން އެ ދެކުޅުންތެރިނާނާ ހޯދީ، ފައިނަލުގައި އަހްމަދު އަކްރަމް އާއީ އާމިނަތު އިރުފާ މާހިރުގެ ޕެއާ ބަލި ކުރުމަށްފަހު އެވެ.
މިއީ މި އަހަރުގެ ޓެނިސް ކަލަންޑަރުގެ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ކާމިޔާބީއަށް ފަހު ފާއީ ބުނީ، އަހަރުގެ ކުރިއަށް މުބާރާތްތަކަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. މި އަހަރު ފާއީގެ އަމާޒުގައި އޮތީ ބޮޑު އެހެން މުބާރާތެއްގައި ރަނގަޅު ހިސާބަކަށް ދިއުމެވެ.
"މި އަހަރު އެންމެ ބޮޑު ފޯކަސްއެއް މިހުރީ އޭޝިއަން ގޭމްސްގައި ރަނގަޅު ވާދަ އެއް ކުރުން،" ރާއްޖޭގެ ޓެނިސް ރޭންކުގެ އެއް ވަނަ ފާއީ ބުންޏެވެ. ޑޮމެސްޓިކް މުބާރާތްތަކުން ރަނގަޅު ކާމިޔާބެއް ހޯދިއްޖެނަމަ އޭޝިއަން ގޭމްސް އަށް ދާއިރު ބޮޑު ހިތްވަރެއް ލިބިގެންދާނެ،"
މިއީ ޓެނިސް ޗެމްޕިއަންޝިޕް ފާއީ ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އޭނާ ދަތުރު ކުރި އެވެ. ސެމީ ފައިނަލުގައި އޭނާ އަށް އަނިޔާ ވީ އެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، އަހްމަދު ސާއީ ވަހީދު އާއި ކުރީގެ އެއް ވަނަ އަލީ ފާރިސް މުހައްމަދެވެ. ރަނަރަފް އަކީ އަގްނާޒް މަންސޫރު އާއި މުހައްމަދު ފަޒީހްގެ ޕެއާ އެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަލީލާ އާއި އިރުފާގެ ޕެއާ އެވެ. އެދެ ކުޅުންތެރިން ޗެމްޕިއަންކަން ހޯދީ ޔާލާ ހުސައިން އާއި އަޔާނީ އާ ވާދަ ކޮށެވެ.