ހަބަރު

ކުއްލި ހާލަތުގެ ގަރާރުން ބައެއް އުނިކޮށް ކޮމިޓީއިން ފާސްކޮށްފި

Feb 19, 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން ބައެއް ބައިތައް އުނިކޮށް، އެ ގަރާރަށް ރުހުން ދޭން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއިން ފާސްކޮށްފި އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމްގެ ޕްރެސްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރު ކޮމިޓީ އިން ފާސްކުރީ، އެ ގަރާރުގައި ހިފަހައްޓާފައިވާ ގާނޫނު އަސާސީގެ 100، 101 އަދި 228 ވަނަ މާއްދާ އުނިކުރުމަށް ފަހު ކުއްލި ހާލަތު އިތުރު 15 ދުވަހަށް އިތުރު ކުރަން ކަމަށެވެ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާއަކީ ރައީސް އާއި ނައިބު ރައީސް އަޒުލް ކުރުމުގެ މާއްދާ އެވެ. އަދި 101 ވަނަ މާއްދާއަކީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ އުސޫލުތައް ކަނޑައަޅާ މާއްދާ އެވެ. އަދި 228 އަކީ ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓް ފާސްކުރެވޭނެ މާއްދާ އެވެ.

މޫސާ ވިދާޅުވީ އެ މައްސަލަ ދިރާސާކުރީ އޮންނަ އުސޫލުން މައްސަލަ މިއަދު ކޮމިޓީއަށް ހުށަހަޅައި ދިރާސާކުރުމުގެ މަރުހަލާ ކޮމިޓީގައި ކުރިއަށް ދިޔަ ކަމަށެވެ. އަދި އެ މަރުހަލާގައި ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ބްރިގޭޑިޔޭ ޖެނެރަލް އިބްރާހިމް ދީދީ އަދި ތޮއްޑޫ ދާއިރާގެ މެންބަރު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.