މިއަހަރުގެ މާލޭ ލީގް އަދި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅައަށް ގެނައި ބަދަލުތަކާއެކު މިދިޔަ އަހަރު ބޭއްވުނު މާލޭ ލީގުގެ ސްޕޮންސަރަކީ އެސްޓީއޯ އެވެ. މިނިވަން ޗެމްޕިއަންޝިޕްގައި މިހާތަނަށް ބޭއްވި ތިން މުބާރާތުގެ ސްޕޮންސަރަކީވެސް އެސްޓީއޯ އެވެ.
މިނިވަން ޗެމްޕިއަންޝިޕް މުބާރާތަކީ އަތޮޅު ތެރޭ ފުޓުބޯޅަ ވަރުގަދަކޮށް ފޯރިގަދަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މިމުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2015 ވަނަ އަހަރު އެވެ. ފުޓުބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ލީގުން ފުރުސަތު ލިބެ އެވެ. މިބަދަލަކީ އަތޮޅު ތެރޭގެ ރަށްތަކަށް ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ އިތުރުން ދިވެހި ލީގުން ފުރުސަތު ލިބެނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. މިދިޔަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަން ޓީމަކީ މާޒިޔާ އެވެ. މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދޫ އެވެ.
މާލޭ ލީގު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. ލީގު ހުޅުވައިދޭ މެޗުގައި ބައްދަލުކުރަނީ ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.