މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ދަންމާލަން ބޭނުންވާ ކަމަށް ސަރުކާރުން ބުނެފިއެެވެ.
"ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު" ގެ ނަމުގައި ރައީސް އޮފީހުގެ ވެބްސައިޓުގައި އާއްމުކުރި ލިއުމުގައި ބުނެފައި ވަނީ އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނެގެހެއްޓުމަށާއި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަަށް ކަމަށެވެ.
"... ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން މަޖިލީހުން ފާސް ކުރައްވައިފިނަމަ، މިހާރު އިއުލާނު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެ އެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރައްވާފައި ވަނީ ޤާނޫނުއަސާސީ ޙިމާޔަތްކޮށް ޤާނޫނު ނެގެހެއްޓުމަށާއި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންނެވެ،" ރައޯސް އޮފީހުގެ އެ ލިއުމުގައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަން ފާހަގަކޮށް، އެކަން ނިމުނު ގޮތުގެ ތަފުސީލު ވެސް އެ ލިއުމުގައި ހިމަނާފައި ވެއެވެ. ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބުދުލް ގައްޔޫމު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރަން ގައުމީ ސަލާމަަތާބެހޭ ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ދިގު ދަންމާލަން މިރޭ ބާއްވަން އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓު ނަގަން ބޭނުންވާ އަދަދަށް ސަރުކާރު ކޯލިޝަންއަށް މެންބަރުން ހަމަ ނުކުރެވޭނެކަން ޔަގީންވުމާއެކު މިރޭ ބާއްވަން އޮތް ޖަލްސާ ވަނީ ކެންސަލްކޮާށްފަަ އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މިރޭ 8:00 ގައި ޖަލްސާއެއް އޮންނަކަން ރިޔާސަތުން މިއަދު އެންގި ކަމަށާއި ނަމަވެސް ފަހުން އެ ޖަލްސާ ކެންސަލްވިކަން އެންގި ކަމަށެވެ. ކުއްލި ނުރައްކަލުގެ ގަރާރު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވަން ވޯޓްލާފައި ވަނީ ސަރުކާރު ކޯލިޝަންގެ 38 މެންބަރުން އެވެ. އެ ގަރާރަށް ވޯޓަށް އެހުމަށް ގާނޫނު އަސާސީ ބުނާ ގޮތުން، އެންމެ މަދުވެގެން 43 މެންބަރުން ފްލޯގައި ތިބެން ޖެހޭނެ އެވެ.
އެހެން ނަމަވެސް، އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެންމެ ގިނަވެގެން ވެސް ސަރުކާރަށް ހޯދޭނީ 39 ވޯޓެވެ.
ޕީޕީއެމްގެ މަޖިލިސް މެންބަރުން މިއަދު ބޭއްވި ޕްރެސްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުން ރުހުން ނުލިބުމަކީ ކުއްލި ނުރައްކަލުގެ ގަރާރު ބާތިލްވާނެ ކަމެއް ނޫން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން ދާނެ ކަމަށެވެ. އަދި މުޅިން އާ ކުއްލި ނުރައްކަލުގެ ހާލަތެއް ރައީސް އަލުން އިއުލާން ކުރައްވާނެ ކަމަށް ވެސް ޕީޕީއެމް މެންބަރުން އަންނަނީ ވިދާޅުވަމުން އެވެ.
އެހެން ނަމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވަނީ މަޖިލީހުން ރުހުން ނުލިބި ކުއްލި ހާލަތު އިތުރު ނުކުރެވޭނެ ކަމަށެވެ.