ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވި ކަމަށް އަޑުފެތުރިފައި ވަނިކޮށް އެމަނިކުފާނު އިސްތިއުފާ ނުދެއްވާ ކަމަށާއި އެ މަނިކުފާނު ހުންނެވީ ސާބިތުވެ ކަމަށް މަސީހު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިރޭ ކުރިޔަށް ގެންދިޔަ ނޫސްކޮންފަރެންސްގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ފޯނު މެދުވެރިކޮށް މަސީހު ވިދާޅުވީ އެ މަނިކުފާނާ ބެހޭ ގޮތުން ފަތުރާލާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި ދެއްވަން ނުވެސް އުޅުއްވާ ކަމަށެވެ.
"އަޅުގަނޑު މިހުރީ ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތުވެސް ސާބިތު ކަމާއެކު، އަދި ދިވެހި ސަރުކާރާއެކު ގައުމީ މަސައްކަތުގައި. މިވަގުތުވެސް އަޅުގަނޑު މަގާމުން އިސްތިއުފާއެއް ނުދެން، ފަތުރާލާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް. މިވަގުތުން އަޅުގަނޑު މި މަސައްކަތް ކުރާނީ ދައުރުން ބޭރުގެ ޖަލްސާ މާދަމާވެސް ބޭއްވުމުގެ މަސައްކަތް،" މަސީހު ވިދާޅުވި އެވެ. "އަޅުގަނޑު ސާބިތުވެ މިހުރީ ދިވެހި ގައުމާއި ރައްޔިތުންނާއެކު ގައުމަށް ކުރިމަތިވެފައި މިވާ ކަންތަކުން އަރައި ގަތުމަށް، މަޖިލިސްވެސް ކަން ކުރަމުންދާނީ އެގޮތުގެ މަތީން އެ ވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ،"
ކުއްލި ނުރައްކަލުގެ މައްސަލައިގެ ގަރަރު މަޖިލީހަށް ވައްދާފައިވާ އިރު ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލު ކުރުމުން މަސީހު އެ ޖަލްސާ ކެންސަލްކޮށް އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ވެސް ރިޔާސަތު ހަވާލު ކުރުމަށް ފަހު ވަޑައިގަތީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާތީ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
ނަމަވެސް މިރޭ ޕީޕިއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީން ވެސް ވަނީ އެ ކަން ދޮގުކޮށްފަ އެވެ.
މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބޭއްވުމަށް ފަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.