ކުޅިވަރު

މާއްޓޭގެ ފުޓްބޯޅަ އެކެޑެމީ ކުޅުދުއްފުށީގައި ފަށަނީ

ކުރީގެ އެއް ވަނަ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ގެ ފުޓްބޯޅަ އެކެޑެމީ ހދ. ކުޅުދުއްފުށީގައި ފަށަން ތައްޔާރު ވެއްޖެ އެވެ. އެ އެކެޑެމީ، އެ ރަށުގައި ކުރިއަށް ދާނީ، ފުޓްބޯޅަ ދަނޑުގައި މަޝްހޫރުވި "މާއްޓޭ" ގެ ނަމުގަ އެވެ.

"މާއްޓޭ" އެކެޑެމީ ކުޅުދުއްފުށީގައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ "ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު" (ސަކައި) އިންނެވެ.

ސްކައިގެ ރައީސް މުހައްމަދު ހަސަން (ޕޯއްޓޭ) ވިދާޅުވީ، ސްކައިގެ އަމާޒަކީ އެކެޑެމީ ފަށާއިރު 150 ކުދިންނާއެކު ފެށުން ކަމަށެވެ. އެކެޑެމީގެ ހަރާކަތްތައް ރަސްމީ ކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 22 ހިސާބުގައި ކަމަށް ހަސަން ވިދާޅުވި އެވެ.

"ފުރަތަމަ އޮންނާނީ އެފްއޭއެމްގެ ގްރާސް ރޫޓް ކޯޗިން ކޯސް، އެ ކޯހާއެކު އެކެޑެމީގެ ހަރަކާތްތައް ފަށާނަން ނަމަވެސް ރަސްމީކޮށް ކުދިންތައް ތަމްރީން ކުރަން ފާށީނީ ކޯހަށް ފަހު، ކޯޗިން ކޯސް މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާނީ، ކުޅުދުއްފުއްޓަށް ވަކި ވަރަކަށް ޖާގަ ދީފައި ބާކީ ހުރި ޖާގަތައް މުޅި އޮތަށް ހުޅުވާލާނީ،" ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކެޑެމީ ހިންގާނީ ހަމައެކަނި ފުޓްބޯޅައިގެ މަގްސަދެއް ހާސިލު ކުރަން ނޫން ކަމަށެވެ.

"ހަމައެކަނި ފުޓްބޯޅައިގެ މަގްސަދެއް ހާސިލު ކުރުމެއް ނޫން އެކެޑެމީގައި އޮތީ، އެކެޑެމީން ތަމްރީންވާ ކުދިންނަކީ އިޖުތިމާއީ ޒިންމާ ނެގުމުގައި ހަރުދަނާ ބަޔަކަށް ހެދުން، އެ ކުދިންނަކީ ދިރިއުޅުމުގައިވެސް އިޖުތިމާއީ ޒިންމާ ނަގާ ބަޔަކަށް ހެދުން އެއީ އެކެޑެމީގެ މަގްސަދެއް."

މާއްޓޭއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ 13 ތަށި ހޯދާފަ އެވެ. ކޯޗުކަމުން ރިޓާޔާ ކުރިތާ 10 ވަރަކަށް އަހަރުވީއިރު އެއްވެސް ކޯޗަކަށް މާއްޓޭގެ ރެކޯޑް މިހާތަނަށް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. ކޯޗެއްގެ ގޮތުގައި މާއްޓޭ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި އައިއެފްސީއަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. އޭނާގެ ކުރީގެ ކުލަބު ވިކްޓަރީއަށް 11 ތަށި އޭނާ ވަނީ ހޯދައިދިނެވެ.

ގައުމީ ޓީމާއި ވިކްޓަރީ އަދި ވެލެންސިއާގެ ގޯލްބެލެހެއްޓި ކުރީގެ އެއް ވަނަ ކީޕަރު މާއްޓޭ ވަނީ ފުޓްބޯޅަ މެނޭޖްމެންޓާއި ފުޓްބޯލް މާކެޓިންއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން މާސްޓާސް ހާސިލު ކޮށްފަ އެވެ. މިދިޔަ ދެތިން އަހަރު މާއްޓޭ ހުރީ ޔޫއެންގެ ވަޒީފާއެއްގައި ލ އަތޮޅުގައި ހިންގި ޕްރްޖެކްޓެއް މެނޭޖް ކުރުމަށެވެ. ލ. އަތޮޅުގައި ހިންގާ ފަލި އެކެޑެމީގެ ހަރަކާތްތަކުގައި މާއްޓޭ ބައިވެރިވި އެވެ.

މާއްޓޭ ބުނީ އެކެޑެމީ ކުޅުދުއްފުށީގައި ފަށަން ނިންމީ ކުޅުދުއްފުޓަކީ އާބާދީ ބޮޑު ރަށަކަށް ވެފައި ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑު ރަށަކަށް ވާތީ ކަމަށެވެ. އެކޭޑެމީ ފެށުމަށް އެފްއޭއެމް ލިބެމުންދާ އެހީ ތެރިކަން މާއްޓޭ ފާހަގަ ކުރި އެވެ. އެގޮތުން ކުޅުދުއްފުށީގައި ބާއްވާ ގްރާސް ރޫޓް ކޯޗިން ކޯސް ކުރިއަށް ގެންދާނީ އެފްއޭއެމުންނެވެ.

މާއްޓޭ އެކޭޑެމީ ފަށާނީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. އޭނާ ބުނީ ފުރަތަމަ އަހަރު ނިމުމަށްފަހު 14 އަހަރުން ދަށުގެ ޓީމެއް އެކުލަވާލާނެ ކަމަށެވެ. އެކެޑެމީގެ މައިގަނޑު ޕްރޮގްރާމުތައް ކުރިއަށް ގެންދާނީ ސްކައިގެ މަޝްހޫރޫ "ހިރަފުސް" ދަނޑުގަ އެވެ.

"މިއަންނަ މަހު ފަހު ކޮޅު ގްރާސް ރޫޓް ކޯޗިން ކޯހާއެކު އެކެޑެމީ ފެށިގެންދާނީ، އެކަމުގައި އެފްއޭއެމުން ދެމުންގެންދާ އެއްބާރުލުން އަޅުގަނޑު ފަހަގަ ކުރަން، އަހަރުން އަހަރަށް ނަތީޖާ ހާސިލު ކުރެވޭނެ ގޮތަށް އެކެޑެމީ ކުރިއަށް ގެންދާނީ."

އެކެޑެމީ ފެށުމާ ގުޅޭ ގޮތުން މިދިޔަ ދެ ދުވަހު، މާއްޓޭ އުޅުނީ ކުޅުދުއްފުށީގަ އެވެ. އޭނާ ވަނީ ކުޅުދުއްފުށީގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކޮށްފަ އެވެ. އަދި ސްކޫލުތަކުގެ އިސްބޭފުޅުންނަށް އޭނާގެ ޕްލޭން އޭނާ ވަނީ ހިއްސާކޮށްފަ އެވެ.