ރާއްޖެ ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި 57 ރަށެއް ބައިވެރިވެއްޖެ

މިއަހަރުގެ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި 57 ރަށަކުން ބައިވެރިވެއްޖެ އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތް އަށް ޒޯން ހިމެނެ އެވެ.

މިއަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ 20 އަތޮޅުން ޓީމުތަށް ބައިވެރިވެފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ.

މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ މުބާރާތަށް ތަރުހީބު ކުޑަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 81 ރަށަކުން ބައިވެރިވެފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިނުވާ ރަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ސެމީ ފައިނަލްގައި ވާދަކޮށް ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި ށ. މިލަންދޫ ޓީމެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ފެށިގެންދާނީ މާޗް ތިންވަނަ ދުވަހު ހދ. އަތޮޅު ބުރުންނެވެ. އަތޮޅު ބުރަށްފަހު މާޗް 18 ވަނަ ދުވަހު ޒޯން ބުރު ފެށިގެންދާނެ އެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތައް ޒޯން ބުރުގައި ވާދަކުރާ އިރު ފައިނަލް ބުރަށް ދަތުރުކުރާނީ ޒޯން ބުރުގެ ޗެމްޕިއަން ޓީމުތަކެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ލީގުން ފުރުސަތު ލިބިގެންދާނެ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދޫ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ގދ. ތިނަދޫ ބަލިކުރުމަށްފަހު އެވެ. މިދެ ޓީމުގެ އިތުރަށް ގަދަ ހަތަރަކުން ޖާގަހޯދީ އއ. މާޅޮސް އަދި ށ. މިލަންދޫ އެވެ.

ޒޯން 1

ހއ. އަތޮޅު- ދިއްދޫ، މުރައިދޫ، އިހަވަންދޫ
ހދ. އަތޮޅު- ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަމް، ކުރިނބި

ޒޯން 2

ށ. އަތޮޅު- ފޯކައިދޫ، ފުނަދޫ، ފޭދޫ
ނ. އަތޮޅު- މާޅެންދޫ، މަނަދޫ

ޒޯން 3

ރ. އަތޮޅު- މީދޫ، އުނގޫފާރު، އިންނަމާދޫ، އަލިފުށި
ބ. އަތޮޅު- އޭދަފުށި، ފެހެންދޫ
ޅ. އަތޮޅު- ނައިފަރު، ހިންނަވަރު

ޒޯން 4

ކ. އަތޮޅު- ހިންމަފުށި، ގުރައިދޫ، މާފުށި، ހުރާ، ގުޅި
އއ. އަތޮޅު- މާޅޮސް
އދ. އަތޮޅު- ފެންފުށި

ޒޯން 5

ވ. އަތޮޅު- ފުލިދޫ
މ. އަތޮޅު- މުލި، މުލަކު، ވޭވަށް، މަޑުއްވަރީ
ފ. އަތޮޅު- ނިލަންދޫ، މަގޫދޫ
ދ. އަތޮޅު- ކުޑަހުވަދޫ، މީދޫ

ޒޯން 6

ގއ. އަތޮޅު- ކޮނޑޭ، ވިލިނގިލި
ގދ. އަތޮޅު- ހޯނޑެއްދޫ، މަޑަވެލި، ތިނަދޫ

ޒޯން 7

ތ. އަތޮޅު- ތިމަރަފުށި، ވިލުފުށި، ބުރުނި، ވަންދޫ، މަޑިފުށި
ލ. އަތޮޅު- މާބައިދޫ، ކުނަހަންދޫ

ޒޯން 8

ފުވައްމުލައް ސިޓީ- ދޫޑިގަން
އައްޑޫ ސިޓީ- ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ