ހަބަރު

ގޮނޑިތަކުގެ މައްސަލާގައި މެންބަރުން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިމަހު އެއްވަނަ ދުވަހު ނިންމި ނިންމުން އަމަލު ކުރުން ފަސްކޮށްފައިވަނިކޮށް، އިދިކޮޅު ބައެއް މެންބަރުން އަނެއްކާވެސް ސުޕްރީމް ކޯޓަަށް މިއަދު ވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނުމަށް ހުރަސްއަޅައި، މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އަމީތު ވިދާޅުވީ، 12 މެންބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އެކަން އެންމެންނަށްވެސް ވަރަށް ސާފު ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު ބަޔަކު ބޭނުންވާ ގޮތަށް ތަރުޖަމާ ކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް އަމީތު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އަޅުގަނޑުމެންގެ މައްސަލައާއި ގުޅީގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިއްވަމުން އައި ހުކުމްތަކާއި އަމުރުތަކާއި އެންމެ ފަހުން މި ނެރުއްވި އަމުރުންވެސް ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ކަމަކީ 13 ޖުލައި 2017 ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނެރުއްވި ހުކުމް، ނެރުއްވި ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަން." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، މެންބަރުން ފަނޑިޔާރުންނާއި ބައްދަލު ކުރެއްވޭ ގޮތް ނުވާ ކަމަށެވެ. އަދި ފަނޑިޔާރުންނާއި ބައްދަލުކުރުމުގެ ފުރުސަތެއް ހޯދުމަށް މީގެ މަހެއް ހާ ދުވަސް ކުރި ހުށަހެޅި ފޯމުތައް ސެކްޝަނަށް ފޮނުވާފައިވާ ކަމަށާއި ފަނޑިޔާރުން ޖަވާބެއް ދެއްވުމުން އަންގަވާނެ ކަމަށް ރިސެޕްޝަނުން ބުނެފައިވާ ކަމަށެވެ. އިދިކޮޅު މެންބަރުން މީގެ ކުރިންވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރުމަށް 16 ދުވަސް ވަންދެން ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހު ވަނީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފަ އެވެ. އެ އަމުރުގެ އެއްބައިގައި ވަނީ ޕާޓީ ބަދަލުކުރި ނަމަވެސް ނުވަތަ ފްލޯ ކްރޮސްކުރި ނަމަވެސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. ނަމަވެސް އެއަމުރު ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ އަމުރެއް ނެރެފަ އެވެ. އެއާއެކު މެންބަރުންނަށް އިއްޔެ ބޭއްވި ޖަލްސާ އަށް މަޖިލީހުން ވަނުމަށް ދިން ދައުވަތު އަނބުރާ ގެންގޮސްފަ އެވެ. މަޖިލީހަށް އެމެންބަރުން ވަނުމަށް ސަލާމަތީ ބާރުތަކުން ވަނީ އިއްޔެ ހުރަސް އަޅާފަ އެވެ.