އޭއެފްސީ ކަޕް ޕްލޭ އޮފް ދެވަނަ ލެގުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ބެންގަލޫރު އެފްސީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ. ބެންގަލޫރު މެޗު ކާމިޔާބުކުރީ 0-5 ނަތީޖާއަކުންނެވެ. ދެ ލެގުން ބެންގާލޫރަށް ކުރި ލިބެނީ 2-8 އެގްރިގެޓް ނަތީޖާއަކުންނެވެ.
މެޗުގައި ބެންގަލޫރު ކާމިޔާބުކުރި ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 12 ވަނަ މިނިޓުގަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްޕެއިން މިޑްފިލްޑަރު ޓޮނީ ޑޮވާލޭ އެވެ. ޓީސީގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ޓޮނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
ބެންގަލޫރު މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށް 0-2 ބަދަލުކޮށްލީ ވެސް ޓޮނީ ޖެހި ލަނޑާއެކު އެވެ. އަރިމަތިން ސުބަޝިސް އެއްލި ބޯޅަ އޭރިޔާ ތެރެއިން އެރިކް ޕާޓްލޫ ބޮލުން ޖައްސާލި ބޯޅަ ލިބުނީ ޓޮނީއަށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންގަލޫރު އިތުރު ގޯލެއް ކާމިޔާބު ކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮސްޓްރޭލިއާ މިޑްފިލްޑަރު އެރިކް ޕާޓްލޫ އެވެ. މި ލަނޑަކީ އޭނާ ޓީސީ ހާފްގެ މެދަށްވުރެ ތަންކޮޅެއް ކުރިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފް ފަށައިގެން ތިން މިނިޓު ކުޅެވިފައި ވަނިކޮށް ބެންގަލޫރު މެޗުގެ ނަތީޖާ 0-4 ބަދަލުކޮށްލި އެވެ. މިލަނޑު ވެސް ޖެހީ ޓޯނީ އެވެ. މިއީ އޭނާ މެޗުގައި ޖެހި ތިން ވަނަ ލަނޑެވެ. އަރިމަތިން އުދަންތާ ނަގައިދިން ހުރަސް ޓޮނީ ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗުގެ 61 ވަނަ މިނިޓުގައި ޓީސީގެ ބިދޭސީ ޑިފެންޑަރު އާލާ އަލް މަގްރަބީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ބެންގަލޫރު އެޓީމުގެ ފަހު ލަނޑު ޖަހި އެވެ. އޭރިޔާ ތެރެއަށް ބެންގަލޫރު ކުޅުންތެރިޔަކު ނެގި ކޯނަރު ޓީސީ ކުޅުންތެރިނަށް ސާފު ކޮށްނުލެވިގެން އުޅެނިކޮށް އެބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ބެންގަލޫރު ޑިފެންޑަރު ރާހުލް ބެކެ އެވެ.
ޓީސީ ޕްލޭ އޮފްއިން ބަލިވުމާއެކު މިއަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ދިވެހި ޓީމަކަށް ފެނިގެންދާނީ ނިއު ރޭޑިއަންޓް އެކަންޏެވެ.