ބޮލީވުޑް

"އެއިތްރާޒް 2" ގައި ވެސް ޕްރިޔަންކާ!

Feb 22, 2018

ބޮލީވުޑަށް ނިކުތްތާ ދެވަނަ އަހަރު، 2004 ގައި ނިކުތް "އެއިތްރާޒް" ގައި ނުބައިބައި ރޯލެއް ކުޅެގެން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ އެތައް ބައެއްގެ ހިތް އަތުލާފަ އެވެ. އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ވަނީ ފިލްމު ފެއާ އެވޯޑްސްގެ އެންމެ މޮޅު ނުބައިބައި ބަތަލާގެ އެވޯޑް ލިބިފަ އެވެ.

ސުބާޝް ގާއި ޕްރޮޑިއުސްކޮށް، އައްބާސް-މުސްތާން ޑައިރެކްޓްކުރި "އެއިތްރާޒް" ރިލީޒް ކުރިތާ 14 އަހަރު ފަހުން މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން ސުބާޝް ވަނީ ނިންމާފަ އެވެ. މުޅިން އާ ވާހަކައަކާއި އާ ނަމެއްގައި އުފައްދާ އެ ފިލްމުގެ ބަތަލާގެ ރޯލު ޕްރިޔަންކާ އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން އިންޑިއާއަށް އައި ދަތުރުގައި ވަނީ ސުބާޝް އާ ބައްދަލުކޮށް، އެ ފިލްމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ޕްރިޔަންކާއަށް މި ފިލްމަށް ވަގުތު ދެވެން އޮތިއްޔާ އޭނާ ހުރީ މި ފިލްމު ކުޅެން ނިންމައިގެން ކަމަށް ސުބާޝްގެ ގާތް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި ސިލްސިލާގެ ދެވަނަ ފިލްމުގެ ސްކްރިޕްޓް މަސައްކަތް ސުބާޝް ކުރަމުން އަންނަތާ ދެ އަހަރުވެއްޖެ އެވެ. ނަމަވެސް ސްކްރިޕްޓް ފައިނަލް ކުރެވުނީ މިދިޔަ މަހު އެވެ. އަދި މިހާރު މި ފިލްމު ޑައިރެކްޓް ކުރާނެ ޑައިރެކްޓަރެއް ހޯދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފަ އެވެ. ޑައިރެކްޓަރެއް ކަނޑަައެޅުނުހާ އަވަހަކަށް ފިލްމުގެ ތަރިން ހަމަޖެއްސުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސްވެ އެވެ.

މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާއިރު، ވަރަށް އަވަހަށް ފިލްމުގެ ތަރިން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ" އާއެކު ހުޅަނގުގައި ޕްރިޔަންކާ ވިދާލާފައިވާއިރު ހޮލީވުޑްގައި އޭނާގެ ދެ ފިލްމެއް އޮތީ ރިލީޒްކުރުމުގެ މަގުމަތީގަ އެވެ. އަދި މިހާރު އަންނަނީ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން ޝޫޓް ކުރަމުންނެވެ.

ޕްރިޔަންކާ އެންމެ ފަހުން ބޮލީވުޑް ފިލްމެއް ކުޅެފައިވަނީ 2016 ވަނަ އަހަރު އެވެ. ހިންދީ ގިނަ ފިލްމުތަކުން ހުށަހެޅުން ލިބެމުން އައި ނަމަވެސް ދެން އެންމެ އަވަހަށް ކުޅޭނެ ހިންދީ ފިލްމެއް އަދި ނުނިންމަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ނިކުތް "އެއިތްރާޒް" ގައި ޕްރިޔަންކާ ކުޅެފައިވަނީ ސޯނިއާ ރޯއި ކިޔާ އުމުރުން ދުވަސްވެފައިވާ މުއްސަންޖެއްގެ ޒުވާން އަންހެނުންގެ ރޯލެވެ. އެ ފިލްމުގައި ޕްރިޔަންކާ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ފިރިމީހާގެ އޮފީހުގައި މަސައްކަތް ކުރަމުންދާ ރާޖް މަލްހޯތުރާ (އަކްޝޭ ކުމާރު) އަށް އޮފީސް ތެރޭގައި އުނދަގޫކޮށް ޖިންސީ ފުރައްސާރަކޮށް ހަދަ އެވެ.

ބޮލީވުޑްގައި ވެސް ބޮޑު ކާމިޔާބެއް ލިބުނު މި ފިލްމު ވަނީ ކަންނާޑާ ބަހުން 2011 ވަނަ އަހަރު އުފައްދާފަ އެވެ.