ހަބަރު

ރިޔާސީ ބަޔާން އިއްވުުމުގެ ޖަލްސާ މިރޭ ދަރުބާރުގޭގައި

Feb 21, 2018
2

ރިޔާސީ ބަޔާން އިއްވާ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

މަޖިލީހުގެ ރިޔާސަތުން މެންބަރުން މިއަދު ފޮނުވި އެސްއެމްސްގައި ބުނެފައި ވަނީ، ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އެ ޖަލްސާއަކީ މަޖިލިސް މިއަހަރަށް ހުޅުވުމަށް، ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއެކެވެ.

އެންމެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އެޖެންޑާކުރީ މި މަހުގެ ފަސް ވަނަ ދުވަހަށެވެ. އެކަމަކު ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ. އިދިކޮޅު މެންބަރުންގެ ހުރަސްއެޅުންތަކާ ހުރެ މަޖިލިސް ފެށުމުގެ ޖަލްސާ މި ފަހުން ބާއްވާފައި ވަނީ މުޅިންހެން ދަރުބާރުގޭގަ އެވެ. މީގެ ކުރިން ރައީސް މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން އެވެ.

އިދިކޮޅު މެންބަރުން މި ޖަލްސާގައި އަމަލު ކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ. ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހި ސަރުކާރު ކޯލިޝަންގެ 12 މެންބަރަކާ އިދިކޮޅާ ގުޅިވަޑައިގަތުމާ އެކު ސަރުކާރު ކޯލިޝަންއަށް މަޖިލީހުގައި ވަނީ މެޖޯރިޓީ ގެއްލިފަ އެވެ.

އިއްޔެ ނެގި ވޯޓްގައި ވެސް ސަރުކާރަށް ހަމަވީ 38 މެންބަރުން އެވެ. އަދި 43 މެންބަރުން ހަމަނުވި ނަމަވެސް، އިއްޔެގެ ވޯޓް މަޖިލީހުގައި ނަގާފައި ވާތީ ގާނޫނީ ބޭފުޅުން ގެންދަވަނީ އެ ވޯޓާ މެދު ސުވާލު އުފައްދަމުން އެވެ.