ހަބަރު

ކުއްލިހާލަތު އުވާލައި ޕާލަމެންޓާއި ޖުޑިޝަރީއަށް ފުރުސަތުދީ: އެމެރިކާ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުހަށް ދަންމައިލުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކަން އުވައިލަން އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ހީދާ ނައުއާޓު މިއަދު ނެރުއްވި ބަޔާނޭއްގަައި ވިދާޅުވީ ގާނޫނީ ހުކޫމަތު ދަމަހައްޓަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމަށް އެމެރިކާއިން ގޮވައިލާ ގޮވައިލުން އެމެރިކާއިން ކުރިއަށް ގެންދާ ކަމަށެވެ.

"...ކުއްލި ހާލަތު އުވާލައި، ގާނޫނީ ހުކޫމަތު ނަގަހައްޓައި، ޕާލެމެންޓާއި ޖުޑިޝަރީ ފުރިހަމައަށް އަދި ރަނގަޅު ގޮތުގައި މަސައްކަތް ކުރަން ހުއްދަދީ ، ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް އިއާދަކޮށް ބައިނަލް އިންސާނީ ހައްގުތައް ލިބިދިނުމުގައި ބައިނަލް އަގުވާމީ މުޖުތަމައަށް ރާއްޖޭން ވެފައިވާ ވައުދަށް އިހުތިރާމް ކުރަން ރައީސްް ޔާމީނަށް ގޮވައިލުން އެމެރިކާއިން ކުރިއަށް ގެންދަމެވެ،" ބަޔާނުގައި ނައުއާޓް ވިދާޅުވެފައި ވެއެވެ.

ފެބްުރުއައީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުުނުކޮށް ކުއްލި ހާލަތު އިއުލާނުކުރުމަށް ފަހު ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އެހެން ބައެއް ފަރާތްތައް ވެސް ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ފަހުން ސުޕްރީމްކޯޓުގައި ބާކީ ތިއްބެވި ތިން ފަނޑިޔާރުން ގެންދަވަނީ ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު އެދިވަޑައިގަންނަވާ ހުރިހާ އަމުރެއް ނެރެދެއްވަމުންނެވެ،