ފިނިޕޭޖް

ޑިޒްނީގެ ކާޓޫނުތައް ސަލާމަތްކުރަނީ!

ކުރީގެ މަޝްހޫރު ޑިޒްނީ ކާޓޫންތައް ކަމަށްވާ "ސްނޯ ވައިޓް" އަދި "އެލައިސް އިން ވޮންޑަލޭންޑް" ފަދަ ކާޓޫނުތައް ތާރީހުގެ ތެރެއަށް ފަނޑުވެގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކާއި އެ ކާޓޫނުތައް ސަލާމަތް ކުރުމަށް މަސައްކަތް ފަށައިފި އެވެ.

ކުރީގެ ޑިޒްނީ ކާޓޫނުތަކަކީ ކަރުދާހުގައި ކުރަހައިގެން ތައްޔާރުކޮށްފައިވާ ކާޓޫނުތަކެކެވެ. އެ ކާޓޫނުތައް އުފައްދަން ބޭނުންކުރި ކަރުދާސްތަކުން ކުލަ ގޮސް، ހަލާކުވާން މިހާރު ވަނީ ފަށާފަ އެވެ.

ޑިޒްނީ އިން މިހާރު ވަނީ ތާރީހީ އެތަކެތި ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އަމިއްލަ މަރުކަޒެއް ކަމުގައިވާ ދަ ޖެޓީ ކޮންސަވޭޝަން އިންސްޓިޓޫޓް (ޖީސީއައި) އާއި ގުޅިގެން މުހިންމު އެ މަސައްކަތް ފަށާފަ އެވެ. އެ މަރުކަޒުން މިހާރު ދަނީ އެ ކާޓޫނުތައް ކުރަހާފައިވާ ކަރުދާސްތައް ބަލާއި އެ ތަކެތި ހަލާކުވިޔަ ނުދީ ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ބެލުމަށް ދިރާސާތަކެއް ކުރަމުންނެވެ.

ޖީސީއައިގެ ފަރާތުން އެ މަސައްކަތާއި އިސްކޮށް ހަވާލުވެހުރި ސައިންޓިސްޓް، ޓޮމް ލާނާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޑިޒްނީގެ ބާނީ އެ ކާޓޫނުތަކުގެ ކުރެހުންތަކާއި ލިޔެކިޔުންތައް ވަރަށް ރަގަނޅަށް ބަލަހައްޓާފައިވާކަން އިނގޭ ކަމަށެވެ.

"އެ ހުރިހާ އެއްޗެއް އެބަހުރި ވަރަށް ރަނގަޅަށް އާކައިވްކޮށްފައި. ގިނަ ސްޓޫޑިއޯތަކަކުން ފިލްމުތައް ހެދުމަށް އެތަކެތި ބޭނުން ކޮށްފައިވުމަކީ އޭގެ ހެއްކެއް." ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ ޑިޒްނީ އިން ޑިޖިޓަލީ އުފެއްދުންތައް އާކައިވް ކުރަން ފެށުމުގެ ކުރިން 1930 އިން 1980 ވަނަ އަހަރާއި ދެމެދު އުފައްދާފައިވާ ހުރިހާ އުފެއްދުންތަކުގެ ކުރެހުންތަކާއި ލިޔެކިޔުންތައް ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ.

"ކާޓޫން ކުރަހާފައިވާ ކަރުދާސްތައް މިހާރު ވަނީ ހަލާކުވާން ފަށާފަ. އެކަން ވާގޮތަކީ ފިނި މޫސުންތަކުގައި ވަރަށް ގަދައަށް ވައިގެ ތެރެ ތެއްވޭ. އެހެން ތެއްކޮށް ހުރެފައި ހޫނު މޫސުން ފެށުމާއެކު ކުރެހުންތަކުގައި ހުންނަ ފަށަލަތައް ރާޅުބާންޏެއް ގޮތަށް މައްޗަށް އަރަނީ. އޭރަށް ކުރެހުންތައް ގަނޑާ ވަކިވާގޮތް ވަނީ،" ޓޮމް ވިދާޅުވި އެވެ.

ޖީސީއައި އިން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ވައި ތެއް މާހައުލެއްގައި އެ ކަރުދާސްތައް ބަހައްޓައިފިނަމަ ކަރުދާހުގެ މައްޗަށް އަރާފައިވާ ކުރެހުންތަކުގެ ފަށަލަތައް އަލުން ކަރުދާހާއި ގުޅުވުމަށް އެހީތެރިވާނެ އެވެ.

ދަ ވޯލްޓް ޑިޒްނީ ކުންފުންޏަށް މިހާރު 94 އަހަރުވެފައި ވާއިރު، އެ ކުންފުންޏަކީ ފިލްމު އުފައްދާ އެންމެ ކާމިޔާބު ކުންފުނިވެސްމެ އެވެ. މިހާތަށް 59 ފަހަރު އޮސްކާ އެވޯޑަށް ނޮމިނޭޓުވެފައި ވާއިރު 22 އޮސްކާ އެވޯޑެއް ކާމިޔާބު ކޮށްފައިވެސްވެ އެވެ.